ދުނިޔެ

ވަގަށް ތެޔޮ އެތެރެކުރުމުގެ ތުހުމަތު އިރާގުގެ ހަތިޔާރުއެޅި ޖަމާއަތުން ދޮގުކޮށްފި

ވަގަށް ތެޔޮ އެތެރެކުރުމުގެ ތުހުމަތު އިރާގުގެ ހަތިޔާރުއެޅި ޖަމާއަތުން ދޮގުކޮށްފި

އިރާގުގެ ހަނގުރާމަ އެޅި ގްރޫޕްގެ ބައެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2026، 01:11

16 ނޮވެމްބަރު 2026، 01:11

އިރާގުގެ ޖުރްފުއްނަޞްރު ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ތެޔޮ ވަގަށް ޓްރެފިކްކުރާ ކަމަށް ކުރެވޭ ތުހުމަތުތައް، އީރާނަށް ތާއީދުކުރާ ކަތާއިބު ހިޒްބުﷲ ޖަމާއަތުން ދޮގުކޮށްފިއެވެ. އެ ޖަމާއަތުން މި ތުހުމަތުތައް ދޮގުކޮށްފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް އިރާގު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ މައްސަލަ ބަލަން ފެށުމާ ގުޅިގެންނެވެ.

އިރާގުގައި އެންމެ ބޮޑަށް ހަތިޔާރު އަޅައިގެން ހަރަކާތްތެރިވާ އެއް ފެކްޝަން ކަމަށްވާ ކަތާއިބު ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރުގެ އޮފީހުން "ދޮގު ހަދަމުންދާ" ކަމަށާއި މިއީ އެ ޖަމާއަތުގެ ހަތިޔާރު އަތުލުމަށްޓަކައި ހިންގާ ބޮޑު ބްލެކްމެއިލް އޮޕަރޭޝަނެއް ކަމަށެވެ. މި ބަޔާން ނެރެފައިވަނީ މި ތަހުގީގާ ގުޅިގެން އިސް 9 އޮފިޝަލަކު ބޮޑުވަޒީރު ޢަލީ އައްޒައިދީ މަގާމުން ވަކިކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

ބޮޑުވަޒީރު ޒައިދީ ރިޔާސަތު ބެލެހެއްޓެވި ތަހުގީގު ކޮމިޓީން ބުނެފައިވަނީ، ތެޔޮ ވަގަށް ބޭރުކުރާކަން ކަށަވަރުކުރެވުނީ އެ ޖަމާއަތުގެ ބާރު ހިނގާ ސަރަހައްދުތަކުގައި މިފަދަ އޮޕަރޭޝަންތައް ހިންގާ މަންޒަރު ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތައް ހިމެނޭ އިންޓެލިޖެންސް ލިޔެކިޔުންތަކުގެ އަލީގައި ކަމަށެވެ. އެ ކޮމިޓީން ވަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތައް ޝަރުޢީ ދާއިރާއަށް ހުށަހެޅުމަށް އަންގައި، ބާބިލް ޕްރޮވިންސްގެ ސަލާމަތީ އަދި ޖާސޫސީ އޮފިސަރުންނާއި، ދާޚިލީ ވުޒާރާގެ ކޮމާންޑަރަކާއި، ތެލާ ބެހޭ ވުޒާރާގެ އޮއިލް ޕައިޕްލައިންސް ކުންފުނީގެ ޑިރެކްޓަރު ހިމެނޭހެން 9 އޮފިޝަލަކު މަގާމުން ވަކިކޮށްފައެވެ.

މި ތަހުގީގުގެ ނަތީޖާއަށް ރައްދު ދެމުން ކަތާއިބު ހިޒްބުﷲ އިން ބުނީ، ތަހުގީގު ޓީމަށް ތެޔޮ ހޮޅިތަކާ ޚިލާފު އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށާއި، މިއިން ވެސް ސާބިތުވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގުތަކެއް ކަމަށެވެ. އަދި އެ ކޮމިޓީން ޖުރްފުއްނަޞްރު ސަރަހައްދަށް ކުރި ޒިޔާރަތުގައި އެ ޖަމާއަތުގެ މެންބަރުން ވެސް ބައިވެރިވި ކަމަށް އެ ފަރާތުން ބުންޏެވެ.

އެމެރިކާއާއި އީރާނުގެ މަސްލަހަތު އޮންނަ އިރާގުގައި، އީރާނަށް ވާގިވެރިވާ ހަތިޔާރުއެޅި ޖަމާއަތްތައް ހުއްޓުވުމަށާއި ތެހެރާންގެ ނުފޫޒު ކުޑަކުރުމަށް ވޮޝިންގޓަނުން ދަނީ ބަޣުދާދަށް ބާރުއަޅަމުންނެވެ. ދައުލަތުގެ ބާރުގެ ދަށަށް ހުރިހާ ހަތިޔާރެއް ގެންނާނެ ކަމަށް ބޮޑުވަޒީރު ޒައިދީ ވިދާޅުވެފައިވީ ނަމަވެސް، ކަތާއިބު ހިޒްބުﷲ އިން ބުނަމުންދަނީ ހަތިޔާރު ދޫކޮށްނުލާނެ ކަމަށާއި ބޮޑުވަޒީރު ބޯލަނބަމުންދަނީ އެމެރިކާއާއި، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފިއްތުންތަކަށް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450