ޚަބަރު
ޒާތީ މަޢުލޫމާތު ހާމަކުރުމަކީ މަޤްޞަދެއް ނޫން، ޒަކާތު ފަންޑުން އެއްވެސް ރައްޔިތަކަށް ދެރަކޮށް ކަންތަކެއް ނުކުރާނެ: ވަޒީރު ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު/ފޮޓޯ: ގާފު އެމްވީ
ޒާތީ މަޢުލޫމާތު ހާމަކުރުމަކީ މަޤްޞަދެއް ނޫންކަމަށާއި، ޒަކާތު ފަންޑުން އެއްވެސް ރައްޔިތަކަށް ދެރަކޮށް ކަންތަކެއް ނުކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި، ޢާންމުންގެ ޝުޢޫރުތަކާއި އާދޭސްތަކާއި އަދި ޚިޔާލުތައް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައި ވާހަކަ ދެއްކި އަންހެންކަނބަލަކު، އޭނާގެ ދަތިހާލަށް ތަސައްލީއެއް ހޯދުމަށް ޒަކާތު ފަންޑަށް އެދުމުން އެކަމަށް އިޖާބައެއް ދީފައި ނުވާކަމަށް ބުނިބުނުން ދޮގުކުރައްވާ، އެކަމާއި ގުޅިގެން ދެއްވި ތަފްޞީލީ މަޢުލޫމާތަށް މީހުން ފާޑުކިޔުއްވުމާއި ގުޅިގެންނެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ވަޒީރު ވިދާޅުވީ، އެ އަންހެންކަނބަލު (އައިޝާ) އެހީއަށް އެދުމުން މިދިޔަ ސެޕްޓެންބަރު މަހު 15،500 ރުފިޔާ ދީފައިވާ ކަމަށާއި، އަދި މިހާރު އައިޝާ ވަޒީފާއަށް ދާން ފަށާފައިވުމުން، އެކަނިވެރިމައިންގެ އެލަވަންސާއެކު އޭނާއަށް މަހަކު 22،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް މަހުންމަހަށް ލިބޭ ކަމަށެވެ. މީގެ އިތުރުން އޭނާގެ އެކައުންޓުގައި 75،000 އަށް ވުރެ ގިނަ ފައިސާ ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޢުލޫމާތުތަކާއި ގުޅިގެން ލިބެމުންދިޔަ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ވަޒީރު ވިދާޅުވީ، އެމަނިކުފާނުގެ މަޤުޞަދަކަކީ ޒަކާތުގެ ކަމަކާ ގުޅިގެން އެފަރާތުން ހާމަކުރި މަޢުލޫމާތަކީ ޙަޤީޤަތް އޮޅޭ ގޮތައް ހާމަކުރި މަޢުލޫމާތަކަށްވާތީވެ، ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ޙަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުންދަނީ ޢަދުލުވެރިކަމާއި އިންޞާފުންކަމާއި އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިންކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުޢޫރަށް ނުހަނު މަތީ ދަރަޖައަށް އިޙުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނުނަމަ، ނުވަތަ އެފަރާތުގެ ޒާތީ މަޢުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މަޢާފަށް އެދެން.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެމަނިކުފާނުގެ މަޤްޞަދަކީ ފަޤީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުޢީ ގޮތުން ޝަރުޠު ފުރިހަމަވާ ޙައްޤު މީހުންކަން ބަޔާންކޮށްދިނުމާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިއްބެވި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކުކަން ބުނެދިނުން ކަމަށެވެ. ހަމަ އެހެންމެ، އެމީހަކު ހުށަހަޅާ ޑޮކިއުމަންޓްތަކަށް ބަލައި، ރާއްޖޭގައި ކަނޑައަޅާފައި ހުންނަ އުޞޫލުތަކުން ފަޤީރުންގެ ދަފްތަރުގެ މިންގަނޑަށް ނުފެތޭ ނަމަ ނުހިމަނާ ސަބަބު ބުނެދިނުމަކީ އެމަނިކުފާނުގެ މަޤްޞަދުކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.