ޚަބަރު
އައްޑޫގެ ކަރަންޓު މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށް އައްޑޫއަށް 8 ޖަނަރޭޓަރު ގެންގޮސް ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފި: ނަޖާޙް
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ފެނަކައިގެ އިސްވެރިން
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށް 8 ޖަނަރޭޓަރު އެ ސިޓީއަށް ގެންގޮސްފައިވާ ކަމަށާއި، މިއާއެކު ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން އައްޑޫގެ ކަރަންޓު ކެޕޭސިޓީ 17 މެގަވޮޓަށް އިތުރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ނަޖާޙް ވަނީ ހާމަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީގައި ވާހަކަ ދައްކަވަމުން ނަޖާޙް ވިދާޅުވީ، އައްޑޫގެ ކަރަންޓު މައްސަލައަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އޮތް މައްސަލައެއް ކަމަށާއި، މިއަދު މި މައްސަލަ ބޮޑުވެގެން އުޅެނީ ކުރީގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމުގެ ސަބަބުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 2019 އިން 2023 އަށް 14 ޖަނަރޭޓަރު އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުއްޓަސް، އޭގެތެރެއިން ދެ ޖަނަރޭޓަރެއް ފިޔަވައި ހުރިހައި ޖަނަރޭޓަރެއް ހުރީ ހަލާކުވެފައެވެ. އެ ޖަނަރޭޓަރުތައް މަރާމާތު ކުރުމަށް މި ސަރުކާރުން މިހާތަނަށް 16 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް އިތުރަށް ވިދާޅުވީ، މި ސަރުކާރުން އައްޑޫގެ ކަރަންޓު މައްސަލަ ޙައްލު ކުރުމަށް ގެންދިޔަ 8 ޖަނަރޭޓަރާއެކު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މިއަދާއި ހަމައަށް އެ ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެ ޝަޓްޑައުންވެފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އައްޑޫގައި މިހާރު ލޯޑު ބޮޑުވާއިރު، އަރަނީ 13 މެގަވޮޓަށެވެ. އެހެންކަމުން ރޯދަމަހަށް ގެންނަ އިތުރު ޖަނަރޭޓަރާއިއެކު ލޯޑު ހިފެހެއްޓޭނެ ކަމަށްވެސް ނަޖާޙް ވިދާޅުވިއެވެ.
ރޯދަ މަހަށް އައްޑޫގެ ކަރަންޓު ޔަގީން ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ނަޖާޙް ވިދާޅުވިއެވެ. "މި ރޯދަމަހަށް އަޅުގަނޑުމެން އިތުރު 1.8 މެގަވޮޓް ޖަނަރޭޓަރެއް އެބަ އަރުވަން. މިއަދާއި ހަމައަށް އަޅުގަނޑުމެން 12 މެގަވޮޓް އެރުވިއްޖެ. އަދި އޭގެ އިތުރުން މި 1.8 މެގަވޮޓް އެރުވީމަ ގާތްގަނޑަކަށް 13، 14 މެގަވޮޓް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެ،" ނަޖާޙް ވިދާޅުވިއެވެ.
ހަލާކުވެފައިވާ ޖަނަރޭޓަރުތައް މަރާމާތުކޮށް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސްޕެއަރ ލިބިގެން މަސައްކަތް ފެށުމުން، 16 ނުވަތަ 17 މެގަވޮޓް ސިސްޓަމަށް ގެނެވޭނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ފެނަކައިން ދަނީ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، އައްޑޫގެ ޕަވަރ ޖަނަރޭޝަން މީޑިއަމް ސްޕީޑުގެ ޕަވަރ ޖަނަރޭޓަރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން 6 މެގަވޮޓުގެ 5 ޖަނަރޭޓަރު ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ. މިއީ ޖުމްލަ 30 މެގަވޮޓުގެ ކެޕޭސިޓީއެކެވެ.
މި މަސައްކަތް ފެށުމަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެނަކައިގެ ޓެކްނިކަލް ޓީމުތައް އައްޑޫއަށް ދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަމާޒަކީ، ދޮޅު އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާލުންކަންވެސް އެކުންފުނިން ބުނެފައިވެއެވެ.