ޚަބަރު
ހުޅުމާލެ ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި!
ރާއްޖެ ގެނެސްފައިވާ ޓީއެސްއެޗްޑީ ޕްރިންސް ޑެރ ނެދަލޭންޑެން ނަމަކަށް ކިޔާ ޑްރެޖަރު
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ސަރުކާރުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން، ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފިއެވެ. ޓީއެސްއެޗްޑީ ޕްރިންސް ޑެރ ނެދަލޭންޑެން ނަމަކަށް ކިޔާ މި ޑްރެޖަރު، ހުޅުމާލެ ފޭސް 3 ގައި މިހާރު މަސައްކަތް ކުރަމުންދާ ޓީއެސްއެޗްޑީ އޮރަންޖީ ޑްރެޖަރާއެކު، ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސް މެދުވެރިކޮށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ނޮވެމްބަރު 17 ވަނަ ދުވަހު ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށް ބިޔަ ޑްރެޖަރުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އެމަނިކުފާނުގެ ދަތުރުފުޅުތަކުގައި، ގިނަ އެއަރޕޯޓު ތަރައްޤީކުރުމަށް މިފަހުން ޙަވާލުކުރެއްވި އެއް ކުންފުނިކަމަށްވާ، އެމްއޭސީއެލްގެ ދަށުން 3 ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ބޭރުގެ 2 ކުންފުންޏަކާއެކު އެގްރީމަންޓު ހެދިފައިވާއިރު، މި ޑްރެޖަރުތައް އައުމުން މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.
Dredger TSHD Prins Der Nederlanden has arrived today and will start tomorrow at Hulhumale phase 3 together with dredger TSHD Oranji which is currently in operation at Hulhumale phase 3.
— Dr Mohamed Muizzu (@MMuizzu) November 25, 2025
Meanwhile, bund wall works at Giraavaru will start as soon as EIA and other formalities are… pic.twitter.com/fWLtgVfgKv
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ. މި މަސައްކަތް ނިމުމާއެކު، މި ދެ ޑްރެޖަރު ގިރާވަރުފަޅަށް ބަދަލުކޮށް، ގިރާވަރު ހިއްކުމުގެ މަސައްކަތް 2 ނުވަތަ 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގިރާވަރުގައި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ފަށާނީ އީއައިއޭ އާއި އެހެނިހެން އިޖުރާއަތްތައް ނިމުމުންނެވެ.
މި މަޝްރޫޢުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަކާއި ގުޅިފައިވާ މުހިއްމު މަޝްރޫޢުތަކަކަށްވާއިރު، މި މަޝްރޫޢުތައް ނިމިގެން ދިއުމުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ވީހާވެސް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ގޮތުން، އެ މަސައްކަތުގައި ދިމާވެދާނެ ދަތިތައް ދުރާލާ ދެނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވިދާޅުވިއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުއަކީ މާލެ ސަރަޙައްދުން ގޯތި ދޫކުރުމަށް ފެށި "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ކަނޑައެޅި ގޯތިތައް ދިނުމަށް ހިއްކާ ސަރަޙައްދެކެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 3 ސަރަޙައްދަކަށް ބަހާލައިގެން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީވެސް އެކުންފުނިންނެވެ. ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަޙައްދުން 192 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށްކަމަށް ސަރުކާރުންވަނީ މީގެކުރިން ހާމަކުރައްވާފައެވެ. ގުޅީފަޅު ހިއްކުމަށް ކުރިއަށްގެންދާ މަސައްކަތުގައި، ގުޅީފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ގިރާވަރުފަޅު ތަރައްޤީކުރަމުންދަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. އަދި އުތުރުތިލަފަޅު ސަރުކާރުން ޚާއްސަ ކޮށްފައިވަނީ ދަނޑުވެރިކަމުގެ ސިނާޢީ ރަށެއްގެ ގޮތުގައެވެ.
މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދެވެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދައިދެއްވުމަށް ފެށި މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިހާރު ވަނީ 21،000 ކިއުބިކް މީޓަރުގެ ޑްރެޖަރެއް ގެނެސް މަސައްކަތް ފަށާފައެވެ.