ކުޅިވަރު
ކެރަމް ވޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމަށް ޖާޒީ ހަވާލުކޮށްފި
ރާއްޖޭގެ ގައުމީ ޓީމަށް ޖާޒީ ހަވާލުކުރުން ފޮޓޯ:ޕީއެސްއެމް
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ފްރެންސިސްކޯ ބޭ އޭރިއާގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަވަނަ ކެރަމް ވޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ. ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އެވެ.
އެމެރިކާގެ ކެރަމް އެސޯސިއޭޝަން (ޔޫއެސްސީއޭ)ގެ އިސްނެގުމުގެ މަތީން، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގުޅިގެން ބާއްވާ މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާނީ ނޮވެންބަރު 10 އިން 17 އަށެވެ. މުބާރާތުގައި ވާދަކުރުމަށް ގައުމީ ކެރަމް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
މިއަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނެނީ ފަސް ފިރިހެން ކުޅުންތެރިންނާއި، ފަސް އަންހެން ކުޅުންތެރިންނެވެ. ގައުމީ ފިރިހެން ޓީމުގައި ހިމެނެނީ؛ އިސްމާއިލް އަޒްމީން، އިބްރާހިމް ހުޖާން އަލީގެ އިތުރުން ހަސަން ނާޒިމް އާއި މުޙައްމަދު މުންތަސިރު އަދި ޚާތިމް ޚަލީލް އެވެ. ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ؛ އައިމިނަތު ވިދާދް، އައިޝަތު ނަހުފާ، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އާއި އައިމިނަތު ޝުބާ އާދަމް އެވެ.
ގައުމީ ޓީމުން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ މުބާރާތަކީ ރާއްޖޭގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި ފިރިހެން ޓީމުން ރިހި މެޑެލް ހޯދިއިރު އަންހެން ޓީމުން ވަނީ ލޯ މެޑެލް ހޯދާފައެވެ. އަދި ޑަބަލްސް އިވެންޓްގައި ރާއްޖޭގެ އަޒްމީން އާއި ނާޒިމްގެ ޕެއާ ވެސް ރިހި މެޑަލް ހޯދިއެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އޯޕަން ސިންގަލްސް، އޯޕަން ޑަބަލްސްގެ އިތުރުން ޓީމް އިވެންޓް އަދި ސްވިސް އިވެންޓް ކުޅުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، މި ފަހަރުގެ ވޯލްޑްކަޕް ކުރިއަށްދާ ދުވަސްވަރު ޔޫއެސް އޯޕަން އިންވިޓޭޝަނަލް މުބާރާތްވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.