ކުޅިވަރު / ދުނިޔެ

އިޓަލީ ލީގުގައި ކުޅުންތެރިން ދަނޑަށް އެރިއިރު މޫނު މަތީގައި އަނިޔާވެރިކަމުގެ ނިޝާނެއް ހުރީ ކީއްވެ؟

އިޓަލީ ލީގުގައި ކުޅުންތެރިން ދަނޑަށް އެރިއިރު މޫނު މަތީގައި އަނިޔާވެރިކަމުގެ ނިޝާނެއް ހުރީ ކީއްވެ؟

އިޓަލީ ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރެމޮނޭސް އާއި ރޯމާ ބައްދަލުކުރި މެޗު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ނޮވެމްބަރު 2025، 08:50

25 ނޮވެމްބަރު 2025، 08:50

މި ހަފްތާގައި އިޓާލިއަން ސިރީ އޭގެ މެޗުތައް ކުޅުނުއިރު ކުޅުންތެރިންގެ މޫނުމަތިން އަނިޔާވެރިކަމުގެ ނިޝާނެއް ފެންނަން ހުއްޓެވެ. ކުޅުންތެރިންގެ މޫނުމަތިން ބޮޑަށް މިކަން ލޮލުގައި އަޅައިގަތަސް، ޓީމުތަކުގެ އޮފިޝަލުންނާއި މެޗު އޮފިޝަލުންގެ މޫނުމަތިން ވެސް މި ނިޝާން ފެނުނެވެ. 

އެއީ މީހަކު އެ އެންމެންނަށް އެއްފަހަރާ ދިން ޖިސްމާނީ އަނިޔާއެއް ނޫނެވެ. ނަމަވެސް އެއީ ޖިސްމާނީ އަނިޔާއާ ތަހައްމަލު ނުކުރާނެކަން އެންގުމަށް ކުރި ކެމްޕެއިނެކެވެ. މިއީ 2016ވަނަ އަހަރުން ފެށިގެން އިޓަލީ ލީގުގައި ކޮންމެ އަހަރެއްގެ މި ދުވަސްކޮޅު ކުރިޔަށްގެންދާ ކެމްޕެއިނެކެވެ. 

"އުން ރޮސޯ އަލަ ވަޔޮލެންޒާ" ނުވަތަ "އަ ރެޑް ކާޑް ޓު ވައިލެންސް"ގެ ނަމުން ނަންދީފައިވާ މި ކެމްޕެއިނަކީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އެ ލީގުގައި ކުރިޔަށްގެންދާ ޤައުމީ ހަރަކާތެކެވެ. 

މިދިޔަ ސީޒަންގައި ނަޕޯލީގެ ކުޅުންތެރިން "އަ ރެޑް ކާޑް ޓު ވައިލެންސް" ކެމްޕެއިންގައި ބައިވެރިވުން---

ކުޅުންތެރިންނާއި، ޓީމުތަކުގެ އޮފިޝަލުންނާއި މެޗު އޮފިޝަލުން މޫނުމަތީގައި ދަމާލާފައިވާ މި ނިޝާނުގައި ބޭނުންކޮށްފައިވާ ރަތް ކުލައިން ދޭހަކޮށްދެނީ، އެއީ އިންޒާރެއް ކަމަށާއި އަދި އެކުވެރިކަމާއި އެއްބައިވަންތަކަމުގައި ތިބޭނެކަމެވެ. އަދި މުޅި މެޗުގެ 90 މިނެޓު ޓީމުތަކުގެ ކުޅުންތެރިން ގޮވާލާފައި އެވަނީ، އަންހެނުނަށް ކުރާ އަނިޔާ ހުއްޓާލުމަށްކަމަށް، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކުރެއެވެ. 

އިޓަލީގައި ކުރިޔަށްދާ އެންމެ ބޮޑު ކުޅިވަރުގެ ހަރަކާތް ކަމުގައިވާ، އެ ޤައުމުގެ ފުޓުބޯޅަ ލީގު މެދުވެރިކޮށް މި ހަރަކާތް ކުރިޔަށް ގެންދަން ނިންމީ، އެ ލީގުގެ އަޑަކީ މުޅި ޤައުމުގެ އެންމެން އަހާނެ އަޑެއްކަމުން، އެ އަޑު އެންމެނަށް އިއްވުމަށްކަމަށް ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކުރެއެވެ.

އިޓަލީގައި 7 މިލިއަނަށް ވުރެ ގިނަ އަންހެނުން ވަނީ ގަނާ ކުރުމާއި އަނިޔާވެރިކަން ތަޙައްމަލުކޮށްފައިކަމަށް، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ހާމަކުރެއެވެ. އަދި 2024ގައި އެކަނިވެސް މިފަދަ މައްސަލަތަކުގައި 98 އަންހެނަކު، އެމީހުންގެ ބައިވެރިޔާ ނުވަތަ އާއިލާ މީހެއްގެ ފަރާތުން އަނިޔާ ލިބި މަރާލެވިފައިވާކަމަށް ވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން