ކުޅިވަރު

ރަތް ކާޑާ ގުޅިގެން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ރޮނާލްޑޯއަކަށް ނުގެއްލޭނެ

ރަތް ކާޑާ ގުޅިގެން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ރޮނާލްޑޯއަކަށް ނުގެއްލޭނެ

ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް 2026 ކޮލިފައިންގައި 5 ގޯލި ކާމިޔާބުކޮށްފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ނޮވެމްބަރު 2025، 08:42

26 ނޮވެމްބަރު 2025، 08:42

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ރިޕަބްލިކް އޮފް އަޔަލޭންޑާއި ޕޯޗުގަލް ބައްދަލުކުރި މެޗުގައި، އުމުރުން 40 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާއަށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ނުގެއްލޭނެކަމަށް، ޝަރުތަކަކާއެކު ފީފާއިން ކަނޑައަޅައިފިއެވެ.

އަޔަލޭންޑާ ދެކޮޅަށް ކުޅެ 2-0އިން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯއަށް ސީދާ ރަތް ކާޑެއް ދެއްކީ، އޮޅަނބޮށިން ޑަރާ އޯޝެއާގެ ބުރަކަށީގައި ޖެހުމުންނެވެ. 

މި ކާޑާ ގުޅިގެން އަރްމީނިއާއާ ދެކޮޅަށް 19 ނޮބެމްބަރުގައި ޕޯޗުގަލްއިން ނިކުތް މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީ 9-1އިންނެވެ.

އެ މެޗާއެކު ރޮނާލްޑޯގެ ސަސްޕެންޝަން ކުރުކޮށްލުމަށް ފީފާއިން ނިންމީ، އަޔަލޭންޑު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑަކީ ޕޯޗުގަލްއަށް އޭނާ މިހާތަނަށް ކުޅުނު 226 މެޗުން ދެއްކި ފުރަތަމަ ސީދާ ރަތް ކާޑަށް ވުމުންކަމަށް ވެއެވެ. 

ނަމަވެސް މިކަމާ ގުޅިގެން ފީފާއިން ނެރުނު ބަޔާނުގައި ބުނީ، ރޮނާލްޑޯއަށް ދީފައިވާ "ޕްރޮބޭޝަނަރީ ޕީރިއެޑް"ގައި އެފަދަ އިތުރު ޢަމަލެއް ހިންގައިފިނަމަ، ބާކީ ދެ މެޗުގެ ސަސްޕެންޝަންވެސް އޭނާ ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. 

ވޯލްޑް ކަޕް 2026 ކޮލިފައިންގައި ރޮނާލްޑޯ ވަނީ 5 ގޯލު ކާމިޔާބުކޮށް، ގްރޫޕް-އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕަށް ޕޯޗުގަލް ކޮލިފައިވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއީ ޖެހިޖެހިގެން ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައިވި 7ވަނަ ފަހަރެވެ.

އެމެރިކާ ބައްރުގައި 48 ޓީމާއެކު މިއަންނަ އަހަރު ކުޅޭ ވޯލްޑް ކަޕްގެ ގުރުއަތު ނެގުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 5ވަނަ ދުވަހެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން