ޚަބަރު
ލ. މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ފުލުހުންނަށް ލިބުނު މަޢޫލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލ. މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށް / ލިލީނައިޓް ، މުޙައްމަދު ވިޝާހު ޢަލީ (24އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ އިން މާވަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާވަށުގައި މަސައްކަތްކުރާ ފުލުހުން މި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާވަށު ބަނދަރަށް ކައިރި ކުރި ލޯންޗުގެ ތެރެއިން ކަމަށެވެ.
އެގޮތުން، ލޯންޗުގައި އެވަގުތު އިން މުޙައްމަދު ޢަލީ ވިޝާހު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 2.52 ގްރާމެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މާވަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.