ޚަބަރު
ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވަނީ: ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި
ވިއްސާރަ ރެއެއް..
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. މި މަހުގެ 7 އިން 11 ގެ ނިޔަލަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވޭތީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓް އޮފީހުން ދަނީ އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެމުންނެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މިއަދު ހަވީރު 4:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދުތަކަށް ވައިޖެހޭނެ ކަމަށް ބެލެވެނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އާންމު ގޮތެއްގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ހާމަކުރެއެވެ.
Heavy rain and the possibility of flooding expected across the country from 7th to 11th November 2026. https://t.co/5w2kDkohwU
— Maldives Meteorology (@MetMaldives) November 7, 2026
ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭގޭގެ ފެންވަންނަ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި، ގޭތެރޭގައި ހުންނަ އަގުބޮޑު މުދަލާއި ކަރަންޓު ސާމާނުތައް ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކުން އަންގަވައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، ނުރައްކާތެރި މޫސުމުގައި ކަނޑުދަތުރުތައް ނުކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 24 ގަޑިއިރުގެ ތެރޭގައި 104.4 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މީގެ އިތުރުން އެ އަތޮޅު ކާޑެއްދޫއަށް 63 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް އެ އިދާރާގެ ހިސާބުތަކުން ދައްކައެވެ.