ޚަބަރު
ލ. މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
މި ރސްމިއްޔާތުގެ ތެރެއިން..ފޮޓ: ވުޒާރާ
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ލ. މާވަށުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މާވަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ގޮފި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންގެ ވަފުދަކާއި، ލ. މާވަށު ކައުންސިލްގެ އިސްވެރިންނާއި، މުއައްސަސާތަކުގެ މަންދޫބުން އަދި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ގޮފި ރަސްމީކޮށް ހުޅުވުމަށްފަހު، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސް ޓީމުން ވަނީ މާވަށު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އަލަށް ހުޅުވުނު ގޮފި ހިންގުމުގެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެއިތުރުން، މި ޓީމުން ވަނީ މާވަށު ގޮފީގެ ހިފްޡު ކުލާހުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާވެސް ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުންފިލުވައި ހިތްވަރު ދެއްވާފައެވެ.
މާވަށުގައި މި މަރުކަޒު ޤާއިމުކުރެވިގެން ދިޔުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ވެރިރަށް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުގައި ތިބި ދަރިވަރުންނަށްވެސް ކީރިތި ޤުރްއާން ރީތިކޮށް ކިޔަވައި، އުނގެނި އަދި ހިފްޡުކުރުމުގެ ފަހި ފުރުޞަތުތައް ފޯރުކޮށްދިނުމަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މުޅި ރާއްޖެއަށް ޤުރްއާނުގެ ތަޢުލީމު ފުޅާކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިތުރު 9 ގޮތްޕެއް ރަޖިސްޓްރީކުރުމުގެ އިދާރީ މަރުޙަލާތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި އެ ގޮފިތައް ރަސްމީކޮށް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެހައި އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
އެގޮތުން ގޮފިތައް ހުޅުވިގެންދާނެ ރަށްތަކަކީ:
ހދ. އަތޮޅު: ނޮޅިވަރަންފަރު، ވައިކަރަދޫ
ރ. އަތޮޅު: މަޑުއްވަރި، ރަސްމާދޫ، ހުޅުދުއްފާރު
ކ. އަތޮޅު: މާފުށި
ފ. އަތޮޅު: މަގޫދޫ
ގއ. އަތޮޅު: ދާންދޫ
އައްޑޫ ސިޓީ: ހިތަދޫ
މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުން އިތުރު 12 ރަށެއްގައި މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޤާއިމުކުރުމަށްޓަކައި މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ޝ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކެންދޫހުޅުދޫ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރާއްޖޭގައި އިސްލާމީ ޢިލްމު ފުޅާކުރުމަށާއި، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުން އިތުރުކުރުމަށް ހިތްވަރުދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަންނަންއޮތް ޖީލުތަކަކީ ޤުރްއާނުގެ އަލީގައި ތަރުބިއްޔަތުވާ ޖީލަކަށް ހެދުމަށްޓަކައި ދައުލަތުން ދަނީ ގިނަގުނަ ޢަމަލީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތަކީ ދައުލަތުގެ ބަޖެޓުން ފުރިހަމައަށް ޚަރަދުކުރެވިގެން ބާއްވާ، އަދި ރާއްޖޭގެ ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން އެންމެ އަގުބޮޑެތި އިނާމުތައް ދެވޭ މުބާރާތުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ވަނީ ދެގުނައަށް ބޮޑުކުރައްވާފައެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ހިފްޡުކޮށް ނިންމަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބޭއްވުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު، ރާއްޖޭގައި ޤުރްއާނުގެ ތަޢުލީމަށާއި، އެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ އެކި ޕްރޮގްރާމްތަކަށް މާލީގޮތުން ދަތިނުވެ، ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގެ މަޤްޞަދުގައި، ކީރިތި ޤުރްއާނަށް ޚާއްޞަ ވަޤުފް މަޝްރޫޢުތަކެއް ފެށުމުގެ ޢަމަލީ މަސައްކަތްތައްވެސް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ލ. މާވަށުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި. @MMuizzu @presidencymv @Mohamedshaheem1 https://t.co/GtXln5LvK5
— Ministry of Islamic Affairs & Endowments (@MVIaffairs) November 6, 2026