ދުނިޔެ

ދެދަރިން މަރާލައި ފޮއްޓަށް ލާ ސްޓޯރޭޖް ޔުނިޓެއްގައި ފޮރުވި މަންމައަކަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި

ދެދަރިން މަރާލައި ފޮއްޓަށް ލާ ސްޓޯރޭޖް ޔުނިޓެއްގައި ފޮރުވި މަންމައަކަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި

ހަކިޔުމް ލީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2025، 10:54

26 ނޮވެމްބަރު 2025، 10:54

ނިއުޒިލެންޑުގައި ދެދަރިން މަރާލައި ފޮށްޓައް ލައި ސްޓޯރޭޖް ޔުނިޓެއްގެ ތެރޭގައި ފޮރުވި މަންމައަކަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ހަކިޔުމް ލީ ނަމަކަށް ކިޔާ މިއަންހެންމީހާގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ ބުދަ ދުވަހުއެވެ. އުމުރުން އަށް އަހަރާއި ހަ އަހަރުގެ ދެ ކުދިން 2018 ވަނަ އަހަރު މަރާލި މި ހާދިސާ އާ ގުޅިގެން ލީ ކުށްވެރިކަމަށް ސާބިތުވީ މިދިޔަ ސެޕްޓެެމްބަރު މަހުއެވެ. މި މައްސަލައަށް ނިއުޒީލޭންޑްގައި ދީފައިވާ ނަމަކީ "ސޫޓްކޭސް މަރު" އެވެ.

ދެކުނު ކޮރެއާގައި އުފަންވެފައިވާ ލީ ވަނީ ކުދިން މަރާލިކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭނާ ދިފާޢުވެފައިވަނީ ސިކުނޑީގެ ބަލިކަމެއްގެ ސަބަބުން ކުށްވެރި ނުވާނެ ކަމަށް ބުނެއެވެ. މި ކަން ހިންގާފައިވަނީ ކުދިންގެ ބައްޕަ ކެންސަރު ބަލީގައި ނިޔާވިތާ އެއް އަހަރު ފަހުންނެވެ. އުމުރުން 45 އަހަރުގެ ލީގެ ވަކީލުން އެދިފައިވާ ކުޑަ އަދަބަކަށެވެ. ނަމަވެސް ފަނޑިޔާރު ޖިއޮފްރީ ވެނިންގް އެކަމަށް ދެކޮޅު ހައްދަވައި، އޭނާއަށް އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވިއެވެ. އަދި ޕެރޯލް ނުލިބޭނެ އެންމެ ކުޑަ މުއްދަތަކީ 17 އަހަރު ކަމަށްވެސް ޙުކުމް ކުރެއްވިއެވެ. ފަނޑިޔާރު ވިދާޅުވީ ލީ މަރާލާފައިވަނީ "ޚާއްސަ ގޮތެއްގައި ނާޒުކު" ދެ ކުދިން ކަމަށެވެ.

ނަމަވެސް، ނިއުޒީލޭންޑް ހެރަލްޑް ނޫހުގައިވާ ގޮތުން، ފަނޑިޔާރު ވަނީ ލީއަށް ނަފްސާނީ ބަލީގެ ފަރުވާ ދިނުމަށް އެއްބަސްވެވަޑައިގެންފައެވެ. އެގޮތުން، އޭނާގެ ނަފްސާނީ ޙާލަތު ރަނގަޅުވެއްޖެނަމަ އަނބުރާ ޖަލަށް ގެނައުމުގެ ޝަރުތާއެކު ސަލާމަތީ ފިޔަވަޅުތަކާއެކު ހުންނަ ސައިކިއެޓްރިކް ފެސިލިޓީއެއްގައި މަޖުބޫރުކޮށް ފަރުވާ ދިނުމަށް ހުއްދަ ދެއްވިއެވެ. 

ލީ ވަނީ އޭނާގެ ފިރިމީހާ އިޔާން ޖޯ 2017 ވަނަ އަހަރު ނިޔާވުމާ ގުޅިގެން ދިމާވި ހިތާމައިގެ ސަބަބުން ކުދިން މަރާލިކަމަށް ބުނެފައެވެ. އޭނާ އޭނާގެ ފިރިހެން ދަރި މީނޫ ޖޯ އާއި އަންހެން ދަރި ޔޫނާ ޖޯ މަރާލާފައިވަނީ މޭވާ ޖޫހުގެ ތެރެއަށް ބޭސްފަރުވާއަށް ދީފައި ހުރި ބޭހުގެ މިންވަރު އިތުރުކޮށްގެންނެވެ. ލީ ބުނީ އޭނާ ދެ ކުދިންނާއެކު އަމިއްލައަށް މަރުވާން ރާވާފައި ހުރި ކަމަށާއި، ނަމަވެސް ބޭހުގެ މިންވަރު ގޯސްވީ ކަމަށެވެ. މަރާލުމަށްފަހު، އެ ކުދިންގެ ހަށިގަނޑު ޕްލާސްޓިކް ކޮތަޅަށް އަޅައި ނިއުޒީލޭންޑްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލެންޑްގެ ބޭރުގައި ހުންނަ ސާމާނު ރައްކާކުރާ ވެއަރހައުސްއެއްގެ ސޫޓްކޭސްތަކެއްގެ ތެރޭގައި ފޮރުވިއެވެ.

މި ހަށިގަނޑުތައް 2022 ވަނަ އަހަރާ ހަމައަށް އެ ތަނުގައި ރައްކާކުރެވިފައި ހުއްޓެވެ. އެއީ، ނީލަމުގައި ވިއްކާލި އެތަނުގެ ހުސްކޮށް އޮތް ލޮކަރެއް ގަތް އާއިލާއަކުން އެތަނުގެ ސޫޓްކޭސްތައް ހުޅުވާލުމާ ހަމައަށެވެ. ފުލުހުން ވަނީ ޑީއެންއޭ އާއި އެހެނިހެން ފޮރެންސިކް ހެކިތައް ބޭނުންކޮށްގެން އެ ކުދިންނަކީ ކާކުކަން ދެނެގަނެ، މަރުވެފައިވާ މުއްދަތާއި، އަދި އެންމެ ފަހުން މަރާލީ ކާކުކަން ހޯދައިފައެވެ. 

އެކަމަށްފަހު، ނަން ބަދަލުކޮށް އޭނާގެ އުފަން ޤައުމު ދެކުނު ކޮރެއާއަށް ފިލައިގެން ގޮސް ހުރި ލީ ވަނީ އެ ޤައުމުގެ ޔޫލްސަން ސިޓީން ހޯދައި ހައްޔަރުކޮށްފައެވެ. އޭނާ ވަނީ ނިއުޒީލޭންޑަށް ގެނެސް، މައްސަލަ ބަލައި ޙުކުމްކޮށްފައެވެ.

މި މައްސަލައިގެ ޝަރީޢަތުގައި، ލީގެ ދިފާޢުގައި ދެ ވަކީލުން ހަރަކާތްތެރިވިއަސް، އޭނާ އަމިއްލައަށް ދިފާޢުގައި ވާހަކަދައްކައިފައިވެއެވެ. ޝަރީޢަތުގައި މައިގަނޑު ގޮތެއްގައި ބެލިފައިވަނީ ލީ ކުދިން މަރާލިތޯ އެއްނޫނެވެ. ސަބަބަކީ އޭނާ އެކަން ޤަބޫލުކޮށްފައިވާތީއެވެ. ޝަރީޢަތުގައި ބެލިފައިވަނީ އޭނާގެ ޢަމަލުތައް އަޚްލާޤީ ގޮތުން ކުށެއްކަން އޭނާއަށް އެނގުނުތޯއެވެ. ރޭޑިއޯ އެންޒެޑް ރިޕޯޓްކުރި ގޮތުގައި، ވަކީލުން ކޯޓަށް ބުނެފައިވަނީ 2017 ވަނަ އަހަރު ލީގެ ފިރިމީހާ ނިޔާވުމަކީ އޭނާ ނަފްސާނީ ބައްޔަކަށް “އަޑިއަޅާލި” ސަބަބު ކަމަށާއި، އެކަމުގެ ސަބަބުން ކުދިން މަރާލުމަށްފަހު އަމިއްލައަށް މަރުވުމަކީ ޙައްލު ކަމަށް އޭނާއަށް ޤަބޫލުކުރެވުނު ކަމަށެވެ. 

ނިއުޒީލޭންޑްގައި މަރުގެ އަދަބު 1989 ވަނަ އަހަރު އުވާލާފައިވާއިރު، އުމުރު ދުވަހަށް ޖަލަށް ލުމަކީ އެ ޤައުމުގައި ދެވޭ އެންމެ ހަރުކަށި އަދަބެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން