Ads by Stelco

ޚަބަރު

ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހަޅަނީ

ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހަޅަނީ

މާލެ ހުކުރު މިސްކިތް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ނޮވެމްބަރު 2025، 11:24

26 ނޮވެމްބަރު 2025، 11:24

ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހެޅުމަށް ނިންމާފައިވާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ދިވެހި ޙަޟާރަތުގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަން ދައްކައިދޭ ހިރިގަލު މިސްކިތްތައް ޔުނެސްކޯއިން ކަނޑައަޅުއްވާފައިވާ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި އެ ވުޒާރާގެ ދާއިރާގައި ހިމެނޭ ދެ މުއްސަސާ ކަމުގައިވާ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، މި މަސައްކަތުގައި އެކަމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އިސްތިރާޖީ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިހާތަނަށް އަދި މި މަސައްކަތް ކާމިޔާބު ކުރެވިފައި ނުވާކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިސްޓުގައި ހިމެނުމަށް ފުރަތަމަ ހުށަހެޅީ 5 މިސްކިތް. އެއީ:

  • މާލޭ ހުކުރު މިސްކިތް
  • ހއ. އިހަވަންދޫ އާސާރީ މިސްކިތް
  • ރ. މީދޫ ބާ ހުކުރު މިސްކިތް
  • އދ. ފެންފުށި އާސާރީ މިސްކިތް
  • ލ. އިސްދޫ އާސާރީ މިސްކިތް

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ނޮމިނޭޝަން ޑޮޒިއަރ އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ބަފަރ ޒޯނު ކަނޑައެޅުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ކައުންސިލްތަކާ އެކު ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް ރަށްރަށަށް ޒިޔާރަތްކޮށް ހޯދަން ޖެހޭ ބައެއް މަޢުލޫމާތާއި މަސައްކަތުގެ ފަންނީ ހެކިތައް ވެސް އެއްކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ހަމަ އެއާއެކު، މި މަސައްކަތް ކުރިއަށް ގެންދެވެނީ ދިވެހިރާއްޖޭގެ އަސްލުވަންތަކަމާއި ދިވެހީންގެ ރަށްވެހިކަމުގެ ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށް ހިރިގަލުގެ ފަންނުވެރިކަން މާނަކުރެވިގެން ކަމަށާއި، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ޑޮޒިއަރ ހުށަހެޅޭވަރަށް މަސައްކަތް ކުރިޔަށްދާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން