ދުނިޔެ

ޗައިނާގެ ޝީ ޖިންޕިންގ އެމެރިކާގެ މުދާ ގަތުން އަވަސްކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޗައިނާގެ ޝީ ޖިންޕިންގ އެމެރިކާގެ މުދާ ގަތުން އަވަސްކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޗައިނާގެ ރައީސް ޝީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2025، 12:12

26 ނޮވެމްބަރު 2025، 12:12

 ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެމެރިކާއިން މުދާ ގަތުން އިތުރުކުރުމަށް "ކުޑަ ގޮތަކަށް އެއްބަސްވެވަޑައިގެންފައިވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކުރެއްވީ ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ފޯނުން ވާހަކަ ދައްކަވައި، އެ ވާހަކަތައް ޗައިނާ އިން "އިޖާބީ، ރައްޓެހި އަދި ބިނާކުރަނިވި" ވާހަކަތަކެއްގެ ގޮތުގައި ސިފަކުރިތާ އެއް ދުވަސް ފަހުންނެވެ.

އަންގާރަ ދުވަހުގެ ރޭ އެއަރ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޗައިނާގެ ލީޑަރުގެ ކިބައިން އެމެރިކާއިން މުދާ ގަތުން އަވަސްކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ. "ރައީސް ޝީގެ ފަރާތްޕުޅުން ފެންނާނެ ކަންކަމާ މެދު އަޅުގަނޑުމެން ހައިރާންވެ އުފާކުރާނެ ކަމަށް ހީކުރަން." ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު އެދުނީ، ތަންކޮޅެއް އަވަހަށް ގަންނަން. އިތުރަށް ގަންނަން އަޅުގަނޑު ބޭނުން. އަދި އެކަމަށް އޭނާ ކުޑަ ގޮތަކަށް އެއްބަސްވެވަޑައިގެންފައިވޭ،" ޓްރަމްޕް ވިދާޅުވިއެވެ.

 ޓްރަމްޕް ޗައިނާއާ އެކު ކުރާ ވިޔަފާރިއާ މެދު އުފާވެރި ލަފައެއް ދެއްވާފައި މިވަނީ، އެމެރިކާއާ އެކު އޮތް ޓެރިފް ހަނގުރާމައިގެ ތެރޭގައި ޗައިނާއިން އެމެރިކާގެ ސޯޔާ ބީންސް ގަތުން އަލުން ފަށާނެ ކަމަށާއި، އަދި އެމެރިކާއަށް ދޭ ރެއަރ އާތްސް އެކްސްޕޯޓްތަކަށް އަޅާފައިވާ ހުރަސްތައް ހުއްޓާލާނެ ކަމަށް މިދިޔަ މަހު ބެއިޖިންގ އިން އިއުލާނުކުރުމާ ގުޅިގެންނެވެ.

އެމެރިކާގެ ޚަޒާނާގެ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، ޗައިނާއިން މި އަހަރު އެމެރިކާގެ ދަނޑުވެރިންގެ އަތުން 12 މިލިއަން މެޓްރިކް ޓަނުގެ ސޯޔާ ބީންސް ގަތުމަށް ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް ރޮއިޓާސް ނިއުސް އެޖެންސީ ރިޕޯޓްކުރާ ގޮތުގައި ޗައިނާއިން މުދާ ގަންނަ ހަލުވިކަން ފުރަތަމަ އަންދާޒާކުރި ވަރަށް ވުރެ ދަށްކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ޑިޕާޓްމަންޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާއިން މިހާތަނަށް ގަނެފައިވަނީ ދެ މިލިއަން މެޓްރިކް ޓަނުގެ ސޯޔާ ބީންސްއެވެ.

ހޯމަ ދުވަހު ޓްރަމްޕާއި ޝީގެ މެދުގައި ކުރެވުނު މި ފޯނުކޯލް ކޮށްފައިމިވަނީ، ދެ ލީޑަރުން ދެކުނު ކޮރެއާގައި ބައްދަލުކުރައްވައި، އަދި އަދިވެސް ފައިނަލް ނުކުރެވޭ ވިޔަފާރި އެއްބަސްވުމެއްގެ އޮނިގަނޑަކަށް އެއްބަސްވެވަޑައިގެންނެވިތާ ހަފްތާތަކެއް ފަހުންނެވެ.

 ޗައިނާގެ ރަސްމީ ޚަބަރު އެޖެންސީ ޝިންހުއާ ރިޕޯޓްކުރާ ގޮތުގައި، ޝީ ޓްރަމްޕަށް ވިދާޅުވީ، "ޗައިނާ އާއި އެމެރިކާ ކުރިން ފެސިޒަމް އާއި މިލިޓަރިޒަމާ ދެކޮޅަށް އެކުގައި ހަނގުރާމަ ކުރި. އަދި މިހާރު ދެވަނަ ބޮޑު ހަނގުރާމައިގެ ނަތީޖާތައް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭނެ."އެވެ.

ޝީ ޓްރަމްޕަށް އިތުރަށް ވިދާޅުވީ، "ޓައިވާން ޗައިނާއަށް އެނބުރި އައުމަކީ ހަނގުރާމައަށް ފަހު އޮތް ބައިނަލްއަޤްވާމީ ނިޒާމުގެ މުހިންމު ބައެއް." ކަމަށެވެ. ޗައިނާއިން ޓައިވާނަށް ބަލަނީ އެ ޤައުމުގެ ސަރަޙައްދެއްގެ ގޮތުގައި ކަމަށާއި، މިނިވަންކަމާއެކު އަމިއްލައަށް ވެރިކަންކުރާ، ޑިމޮކްރެޓިކް މި ރަށް ޗައިނާގެ މައި ބިމާ ގުޅުވުމަށް ބާރުގެ ބޭނުންކުރުން އެކަށީގެން ނުވާ ކަމަކަށް ނުދެކެއެވެ.

އެމެރިކާއިން އާންމުކޮށް ޓައިވާން ހިފުމަށް ޗައިނާއިން ބާރުގެ ބޭނުންކުރުމާ ދެކޮޅު ހަދައެވެ. އަދި އެމެރިކާގެ ޤާނޫނަކުން ލާޒިމްކުރަނީ، ތައިޕޭއަށް އެއްވެސް ހަތިޔާރު އެޅި ހަމަލާއަކުން ދިފާޢުވުމަށްޓަކައި އެކަށީގެންވާ އަސްކަރީ ސާމާނު ފޯރުކޮށްދިނުމެވެ.

 ނަމަވެސް ޓްރަމްޕް ވަނީ ޓައިވާން ސްޓްރެއިޓްގައި ހަނގުރާމައެއް ހިނގައިފިނަމަ އެމެރިކާގެ ސިފައިން ފޮނުވާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަށް ޖަވާބެއްނުދީ ދޫކުރައްވައިފިއެވެ. އަދި އޭނާގެ އިދާރާއިން ވަނީ ޓައިވާނަށް އެ ޤައުމުގެ ދިފާޢީ ބަޖެޓް އިތުރުކުރުމަށް ބާރުއަޅާފައެވެ.

ޓްރަމްޕް ވަނީ ޝީގެ ޓައިވާނާ ބެހޭ ވާހަކަތަކެއްގެ ޒިކުރާއެއް ނުކުރައްވައި، ފަހުން ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޗައިނާގެ ލީޑަރާ އެކު ކުރެއްވި " ވަރަށް ރަނގަޅު" ކޯލެއްގެ ވާހަކަ ވިދާޅުވެފައެވެ. 

އެ ކޯލުގައި ޔޫކްރޭން، ފެންޓަނައިލް އަދި އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ވެސް ހިމެނޭ ގޮތަށް ގިނަ މައުޟޫޢުތަކަށް ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. 

"ޗައިނާއާ އެކު އަޅުގަނޑުމެންގެ ގުޅުން ވަރަށް ވަރުގަދަ! މި ކޯލަކީ ތިން ހަފްތާ ކުރިން ދެކުނު ކޮރެއާގައި އަޅުގަނޑުމެން ކާމިޔާބު ބައްދަލުވުމެއް ބޭއްވި ފަހުން ކުރެވުނު ފޮލޯ އަޕެއް. އެފަހުން، އަޅުގަނޑުމެންގެ އެއްބަސްވުންތައް މިހާރަށް ގެނެސް، ސީދާކުރުމުގައި ދެ ފަރާތުން ވެސް މުހިންމު ކުރިއެރުންތަކެއް ހޯދާފައިވޭ،" ޓްރަމްޕް ވިދާޅުވިއެވެ. 

"މިހާރު އަޅުގަނޑުމެންނަށް ބޮޑު މަންޒަރަށް ބަލާލެވޭނެ،" އޭނާ ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން