ދުނިޔެ
ތައިލެންޑުގެ ދެކުނުގައި ފެންބޮޑުވުމުގެ ސަބަބުން 13 މީހުން މަރުވެ، އެތައްހާސްބަޔަކު ޙާލުގައި ޖެހިއްޖެ
ތައިލެންޑްގައި ފެނބޮޑުވެފައިވާ ސަރަޙައްދުން މީހުން ރައްކާތެރި ހިސާބުތަކަށް ދަތުުރުކުރުމަށް މަސައްކަތްކުރަނީ
ތައިލެންޑުގެ ދެކުނުގައި ފެނބޮޑުވުމުގެ ސަބަބުން 13 މީހުން މަރުވެއްޖެއެވެ.
މިފެންބޮޑުވުންތަކުގެ ސަބަބުން ތައިލެންޑުގެ ދެކުނުގެ ސޮންގްކްލާ ޕްރޮވިންސް ވަނީ ކާރިސާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެއީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެތައް ހާސް ބަޔަކު ޙާލުގައި ޖެހި، މަދުވެގެން 13 މީހުން މަރުވެފައިވާ ކަމަށް ތައިލެންޑުގެ އޮފިޝަލުންނާއި މީޑިއާ ރިޕޯޓުތަކުން ބުނެފައިވާތީއެވެ.
ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ މިންވަރު 2 މީޓަރަށް (6.6 ފޫޓަށް) އަރާފައިވާއިރު، މި ޕްރޮވިންސްގެ ހާތް ޔާއީ ޑިސްޓްރިކްޓަށް ހުކުރު ދުވަހު 335 މިލިމީޓަރު ވާރޭ ވެހިފައިވެއެވެ.
މިއީ އެ ސަރަހައްދަށް ފާއިތުވި ތިން ގަރުނުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި ވެހުނު އެންމެ ގިނަ ވާރޭގެ މިންވަރެވެ. ތައިލެންޑުގެ ޑިޒާސްޓަރ ޕްރިވެންޝަން އެންޑް މިޓިގޭޝަން ޑިޕާޓްމަންޓުން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފެންބޮޑުވުމުގެ ސަބަބުން 13 މީހުން މަރުވެފައިވާ ކަމަށް ބެންކޮކް ޕޯސްޓުން ބުނެއެވެ.
ރަންގްސިޓް ޔުނިވަރސިޓީގެ ކްލައިމެޓް ޗޭންޖް އެންޑް ޑިޒާސްޓަރ ސެންޓަރުގެ ޑިރެކްޓަރު އަދި ނޭޝަނަލް ޑިޒާސްޓަރ ވޯނިންގ ކައުންސިލް ފައުންޑޭޝަންގެ ނައިބު ރައީސް ސެރީ ސުޕްރަޓިޑް ބުދަ ދުވަހު ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، ހާތް ޔާއީގައި ފެންބޮޑުވުމުގެ ސަބަބުން 150,000 އެއްހާ މީހުން ވަނީ ޙާލުގައި ޖެހިފައެެވެ. ބެންކޮކް ޕޯސްޓުން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ތައިލެންޑުގެ ކެބިނެޓުން ވަނީ ސޮންގްކްލާ ކާރިސާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެއީ މިހާރު ކުރިމަތިވެފައިވާ ކާރިސާއަށް އަވަސް ޖަވާބެއް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައެވެ. ސަބަބަކީ ބޯކޮށް ވާރޭވެހި ސަރަހައްދުގެ ޙާލަތު އިތުރަށް ގޯސްވެ އޭގެ އަސަރު ގިނަ ބަޔަކަށް އަދިވެސް ކުރިމަތިވަމުންދާތީއެވެ.
ބޯކޮށް ވާރޭވެހުމުގެ އަސަރު ތައިލެންޑުގެ ދެކުނުގެ ނުވަ ޕްރޮވިންސަކަށް ކޮށްފައިވާއިރު، 2.1 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފައިވެއެވެ. އޭގެ ތެރެއިން 13,000 މީހުން ވަނީ ވަގުތީ ހިޔާވެހިކަން ހޯދާފައެވެ. އަދި އެހެން ގިނަ ބަޔަކު ވަނީ ، އެހީތެރިކަން ނުލިބި ޙާލުގަައިޖެހިފައި ކަމަށް ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. ތައިލެންޑުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، ކާރިސާގެ ސަބަބުން ގެއްލުންވެފައިވާ ސަރަހައްދުތަކަށް އެހީވުމަށްޓަކައި އިތުރު ބާރުތައް އަންގާރަ ދުވަހު ފޮނުވާފައިވެއެވެ.
މީގެ ތެރޭގައި ބޭސް، ކާނާ އަދި ފެނުގެ ސާމާނު ހިމެނޭ C-130 ކާގޯ މަތިންދާބޯޓަކާއި، 14 ރަބަރު ދޯންޏާއި، ދެ ހެލިކޮޕްޓަރާއި، ޑޮކްޓަރުންނާއި، ދުވާލަކު 3,000 މީހުންނަށް ކާނާ ފޯރުކޮށްދެވޭ ފީލްޑް ކިޗަންތައް ހިމެނޭ ކެރިއަރ ޗަކްރީ ނަރުއެބެޓް ހިމެނެއެވެ.
އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، "ރޯޔަލް ނޭވީން އަމުރުކުރާ ގޮތަށް ބާރުތައް ފޯރުކޮށްދިނުމަށް އަދި އަމަލުތައް ހިންގުމަށް މި ފްލީޓް ތައް އޮތީ ތައްޔާރަށެވެ." އަދި މި ކެރިއަރ އަކީ ފްލޯޓިން ހޮސްޕިޓަލެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް ބުނެފައިވެއެވެ. އެހީތެރިކަމަށް އެދި ގިނަ އަދަދެއްގެ ކޯލްތައް އަންނަމުންދާތީ، އެމަޖެންސީ ރެސްޕޮންޑަރުންނަށް އެހީތެރިވުމަށް އަސްކަރިއްޔާއިން މަސައްކަތް ކުރާނެއެވެ. ހާތް ޔާއީގެ މަޗިމާ ރެސްކިއު ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ހިމެނޭ ހިލޭ ސާބަހަށް މަސައްކަތްކުރާ ގްރޫޕެއްގެ މެންބަރަކު ބުނެފައިވާ ގޮތުގައި، ފާއިތުވި ތިން ދުވަހު ކޯލްތައް ފުލުފުލުގައި އަންނަމުންދާ ކަމަށާއި ގިނަ ކޯލްތަކަށް ޖަވާބުނުދެވި ދާ ކަމަށެވެ. އަދި ކޯލްތައް ކުރާ މީހުން އެހީތެރިކަމަށާއި ކާނާއަށް އެދެމުންދާކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންގެ އެހީތެރިކަމަށް އެދޭ ޕޯސްޓުތައް ފޭސްބުކް ޕޭޖުގައި ގިނަ ޢަދަދަށް ހުއްޓެވެ.
ސިނާއަތާ ބެހޭ ވަޒީރު ތަނަކޯން ވަންގްބޫންކޮންގްޗަނާ ވިދާޅުވި ގޮތުގައި، ސަތޭކަ އަށް ވުރެ ގިނަ ފެކްޓަރީތަކަށް ވެސް ފެން ވަދެފައިވާއިރު، މި ސަރަހައްދުގެ މަދުވެގެން 17 ޕަވަރ ޕްލާންޓް ވަނީ ހުއްޓިފައެވެ. މި ސަރަހައްދަކީ ދުނިޔޭގައި އެންމެ ގިނައިން ރަބަރު އުފައްދައި ބޭރުކުރާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.