ޚަބަރު
ތަންފީޒުކުރަން ނުޖެހޭ ގޮތަށް، ރަޢުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި
ރަޢުދު އަޙްމަދު ޛިލާލް.
ފަރުދުން
26 ނޮވެމްބަރު 2025، 02:52
26 ނޮވެމްބަރު 2025، 02:52
މާލޭގެ ޢިމާރާތަކުން ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރަޢުދު އަޙުމަދު ޛިލާލްގެ މައްޗަށް ކްރިމިނަލް ކޯޓުން އަދު 27 ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.
މިދިޔަ އެޕްރީލް މަހުގެ 18ވަނަ ދުވަހުގެ ރޭ ހިނގި ޙާދިސާގައި ޔުމްނު ވެއްޓިފައިވަނީ، ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. މި ޙާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ އައި.ޖީ.އެމް.އެޗް.ގައި ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން، އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ވަނީ ފޮނުވާފައެވެ. އަދި މި ކަމުގައި ސަރުކާރުން އޭނާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރަޢުދުގެ މައްޗަށް ދައުލަތުން ދަޢުވާކުރީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރަޢުދު ވަނީ އޭނާގެ އެ ކުށަށް އިޢުތިރާފުވެފައެވެ.
ރަޢުދަށް އިއްވި 27 ދުވަހަށް ބަންދުކުރުމުގެ ޙުކުމް ތަޙުޤީޤީ މަރުޙަލާގައި ފުރިހަމަކުރެވިފައިވާތީ، އޭނާގެ މައްޗަށް އިއްވި ޙުކުމް ތަންފީޒުކުރަން ނުޖެހޭނެ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.
އޭނާގެ މައްޗަށް މި ޙުކުމް އިއްވީ، އަވަސް ނިޔާގެ އަޑުއެހުމާއި އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފްވެފައިވާތީއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618ވަނަ މާއްދާގެ ދަށުން ދަޢުވާ ކުރިއިރު، މި ކުށަށް ކަނޑައަޅާފައިވާ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް، ދަޢުވާއަށް އިޢުތިރާފުވުމުން އަދަބު ލުއިކުރެވި، 27 ދުވަހުގެ ޙުކުމެއް އިއްވީއެވެ.