ސައިންސް
ނާދިރު މަލެއް ހޯދުމަށް ކުރި މަސައްކަތް 13 އަހަރަށް ފަހު ކާމިޔާބުވުމުން، ދިރާސާވެރިޔާ ފެންކަޅިވެއްޖެ
ރެފްލީޒިއާ މަލެއް.
ފަރުދުން
26 ނޮވެމްބަރު 2025، 03:39
26 ނޮވެމްބަރު 2025، 03:39
ދުނިޔޭގެ އެންމެ ނާދިރު ބާވަތްތަކުގެ ތެރެއިން ބޭވަތެއްގެ މަލެއް ހޯދުމަށް ކުރި މަސައްކަތް 13 އަހަރަށް ފަހު ކާމިޔާބުވުމުން، ދިރާސާވެރިޔާއަށް ރޮވިއްޖެއެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިޔޯ އިޖުތިމާޢީ ވިޔުގަތަކުގައި މިހާރު ދައުރުވަމުން ދެއެވެ.
އޮކްސްފޮރޑް ޔުނިވަރސިޓީގެ ޑރ. ކްރިސް ތޮރޯގުޑްއާއި އޭނާގެ ޓީމުން ރެޔާއި ދުވާލު މަސައްކަތްކުރަމުން ދިޔައީ، ރެފްލީޒިއާ މަލެއް ހޯދުމަށެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާގެ މިނިކާވަގު ގިނަ ޖަންގަލިތަކުގައި އޭނާއާއި އޭނާގެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވެ، މިދިޔަ ހަފްތާފައި ރެފްލީޒިއާ މަލެއް ވަނީ ފެނިފައެވެ.
ކުނިވެފައިވާ މަހުގައި ދުވާ ވަސް ދުވާ ރެފްލީޒިއާ ބާވަތުގެ މަލެއް ފެނުމުން، އިންޑޮނޭޝިޔާއަށް ނިސްބަތްވާ ދިރާސާވެރިޔާ ސެޕްޓިއަން ޑެކީ އަންޑްރިކިތާޓް އޭނާގެ ކަކޫ މައްޗަށް ވެއްޓި، އުފަލުން ގޮސް ރޮވުނެވެ. އޭނާ ބުނި ގޮތުގައި، އޭނާ މި ބާވަތުގެ މަލެއް ހޯދުމަށް މަސައްކަތްކުރާތާ 13 އަހަރު ވަނީ ވޭތުވެފައެވެ. "މިއީ ވަރަށް ސަޅި ކަމެއް. އަހަންނަކީ ދުނިޔޭގައި ހުރި އެންމެ ނަޞީބު ރަނގަޅު މީހާ" އޭނާ ބުންޏެވެ. އިންޓަރނެޓުގައި ދައުރުވަމުންދާ ވީޑީޔޯއިން ދެން ދައްކާލީ، އެ މަލުގެ މަންޒަރެވެ.
ރެފްލީޒިއާ މާ ފުރިހަމައަށް އުފެދެން 9 މަސް ބޭނުންވެއެވެ. އެއަށް ފަހު، އެ މާ ފޮޅިފައި ހުންނަނީ މަދު ދުވަސްކޮޅަކަށެވެ. ނަމަވެސް މި ފަހަރު ފެނިގެން އުޅޭ މާ ފޮޅިފައިވަނީ ދިރާސާވެރީންގެ ކުރިމަތީގައެވެ. މި ކަމާ ގުޅޭ ގޮތުން ޑރ. ތޮރޯގުޑް ވިދާޅުވީ، އެ މާ ފޮޅޭ ތަން ފެނުމަކީ "އެހެން ދުނިޔެއެއްގެ މަންޒަރެއް" ކަމަށެވެ.
ރެފްލީޒިއާ މަލުން ދުވާ ކުނި ވަހުގެ ސަބަބުން، އޭގައި ވަރަށް ގިނައިން މެހިތައް ޖައްސައެވެ. މި މެހިތަަކަކީ، އެ މާ ޖޯޑުވުމުގައި ޒަރޫރީ ދައުރެއް އަދާކުރާ ސޫފިތަކެކެވެ.
ރެފްލީޒިއާގެ 40އަށް ވުރެ ގިނަ ވައްތަރު ހުންނައިރު، އޭގެ ތެރެއިން ރެފްލީޒިއާ އާނޮލްޑީއަކީ ދުނިޔޭގެ އެންމެ ބޮޑު މަލެވެ. އެ ވައްތަރުގެ ފުޅާދަނުގައި 3 ފޫޓު ހުރެއެވެ. ނަމަވެސް އިންޑޮނޭޝިޔާގައި ދިރާސާވެރީންނަށް ފެނުނު ބާވަތަކީ ރެފްލީޒިއާ ހަސެލްޓީއެވެ. ރެފްލީޒިއާގެ ހުރިހާ ބާވަތަކީ ވެސް ވަރަށް ނާދިރުކޮށް ފެންނަ މާތަކެއް ކަމަށް ސައެންސްވެރީން ބުނެއެވެ.
A biologist becomes emotional after finding a flower after searching for 13 years. Beautiful bloom.pic.twitter.com/UW0tpOsgHA
— Interesting things (@awkwardgoogle) November 25, 2025