ދުނިޔެ
ވެހެމުންދާ ބޯވާރެޔާ ބޮޑުވަމުންދާ ފެނުގެ ސަބަބުން ޣައްޒާގެ ޙާލުގައި ޖެހިފައިތިބި މީހުންގެ ޙާލަތު އިތުރަށް ގޯސްވަނީ
ފޭލިގެއެއްގެ ތެރެއިން ފެން ހިއްކަަނީ
ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ހަނގުރާމައިގައި ޙާލުގައި ޖެހިފައިތިބި މިހުންގެ ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.
· އިޒްރާއީލުން ހިންގަމުންދާ ދެއަހަރަށްވުރެ ގިނަ ދުވަސްވީ ނަޞްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް، ވަގުތީ ބޯހިޔާވަހިކަމަށް ހަދާފައިވާ ފޭލިގޭ ކޭމްޕުތަކުގައި ދިރިއުޅެން މަޖުބޫރުވެފައެވެ.
· މިހާރު އެމީހުންގެ ދަތިކަމަށް އިތުރުވެފައިވަނީ ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ސަބަބުން، މިފަދަ ހާލަތްތަކުގައި ބޭނުންނުކުރެވޭނެ، ވަގުތީ ފޭލިގޭތައް ވެސް ގެއްލިދާނެ ކަމުގެ ބިރެވެ. ޣައްޒާއަށް މިހާރު ވެސް ދަނީ މޫސުމީ ހާލަތު ގޯސްވަމުންނެވެ.
އަލްޖަޒީރާގެ ހާނީ މަޙްމޫދު ޣައްޒާ ސިޓީން ރިޕޯޓު ކުރައްވަމުން ވިދާޅުވީ، "ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ސަރަހައްދުގައި ވަނީ ވައިގަދަވެ، ބޯކޮށް ވާރޭވެހި އަދި ފިނިހޫނުމިން ދަށްވެފައި. މީގެ ސަބަބުން މިތަނުގައި ހުރި ގިނަ އަދަދެއްގެ ފޭލިގެތަކާއި ފޭލިގެޖަހައިފައި ހުރި ތަންތަންވަނީ ފެންބޮޑުވެ ކިސަޑުން ޚަރާބުވެފައި " ހާނީ ވިދާޅުވިއެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ، "ފެންބޮޑުވެފައިވާ ސަރަހައްދުތައް ވެސް އެބަހުރި. ބޯކޮށް ވެހުނު ވާރޭގެ ފެނާއި ނަރުދަމާގެ ފެން އެއްވެ، މީހުންނަށް ވަރަށް ނުރައްކާތެރި ހާލަތެއް ވަނީ ކުރިމަތިވެފައި." ކަމަށެވެ.
މިފަދަ ހާލަތްތަކުގެ ސަބަބުން އެތައް އާއިލާތަކެއް ވަނީ އެމީހުންގެ ފޭލިގޭތަކުގެ ތެރެއިން ބާލިދީ ބޭނުންކޮށްގެން ފެން ހިއްކަން މަޖުބޫރުވެފައެވެ. އަދި އެމީހުންގެ އަތުގައި ހުރި މަދު އެއްޗެހި ރައްކާތެރިކުރުމުގެ އުންމީދުގައި، ހިލަގަނޑުތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ފޭލިގޭތައް ވަރުގަދަ ކުރަމުން ދެއެވެ.
ޙާލަތު ދެރަވެފައިވާ ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ އައްސުމާ ފައްޔާދު އަލްޖަޒީރާއަށް ވިދާޅުވީ، "ހުރިހާ ފޭލިގެތަކެއް ވަނީ ހަލާކުވެފައި. އަޅުގަނޑުމެންގެ ފޭލިގެތައް ހަދާފައި ހުންނަނީ ހަމައެކަނި ފޮތިން. އަޅުގަނޑުމެންގެ ކުދިންނަށް ރައްކާތެރިކަމެއް ނެތް. އަޅުގަނޑުމެންނަށް ލާނެ އެއްޗެއް ވެސް ނެތް، ހެދުމެއް ވެސް ނެތް." މިހެނެވެ.
ޔުނައިޓެޑް ނޭޝަންސް ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އިން މިދިޔަ ހަފްތާގައި ބުނެފައިވަނީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަދުވެގެން 13،000 ފޭލިގެއަށް ގެއްލުން ވެފައިވާ ކަމަށެވެ.
" ވަގުތީ ބޯހިޔާވަހިކަމަށް ޖަހައިފަހުރި ފޭލިގެތައް ހުރީ ހުސްބިންތަކުގައި ނޫނީ ޣައްޒާގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގައި. މި އިމާރާތްތަކުގެ މައްސަލައަކީ އެތަންތަނުގެ ފާރުތައް ވަނީ ރެނދުލާފައި ފުރާޅުތައް ވެސް" އަލްޖަޒީރާގެ ހާނީ ވިދާޅުވިއެވެ.
އެނާ އިތުރަށް ވިދާޅުވީ މީގެ ސަބަބުން މި އިމާރާތްތަކުގައި ދިރިއުޅުމުގެ ހާލަތު ވެސް ދަތިވެފައިވާ ކަމަށެވެ.
އެމެރިކާގެ ބައިވެރިވުމާއެކު އޮކްޓޯބަރު 10 ގައި ބޭއްވުނު ހަނގުރާމަ ހުއްޓާލުމުގެ މުޢަހަދާގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި ދުވާލަކު މަދުވެގެން 600 ޓްރަކް އެހީގެ މުދާ ޣައްޒާއަށް ވެއްދުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް، ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ފަހު ދުވާލަކު އެވްރެޖްކޮށް 145 ޓްރަކް ނޫނީ ޣައްޒާއަށް ނުވަންނަ ކަމަށެވެ. ޔޫއެންއެޗްސީއާރުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ޣައްޒާގައި ތިބި އެތައް ހާސް ބަޔަކު ދަނީ ކުރިއަށް އޮތް ފިނި މޫސުމަށް ތައްޔާރުވުމަށް ރައްކާތެރި ހިޔާވަހިކަމެއް ހޯދުމަށް މަސައްކަތްކުރަމުން. އިތުރު ހިޔާވަހިކަމުގެ ތަކެތި ބޭނުންވެފައިވާ" ކަމަށެވެ.
އެހީދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ދިނުމަށް މަދުވެގެން 300،000 މޯބައިލް ހައުސް އާއި ފޭލިގެ ބޭނުންވެއެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީދޭ އދ. ގެ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނެފައިވަނީ ޣައްޒާގައި އެ އެޖެންސީން ހިންގާ 85 ހިޔާވަހިކަމުގެ ތަންތަނުގައި 79،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށެވެ.