ދުނިޔެ

19 ޤަތުލުގެ މައްސަލައިގައި މަރުގެ އަދަބު އިއްވާފައި ހުރި މީހާ ދޫކޮށްލުމަށް، 19 އަހަރަށް ފަހު ނިންމައިފި

19 ޤަތުލުގެ މައްސަލައިގައި މަރުގެ އަދަބު އިއްވާފައި ހުރި މީހާ ދޫކޮށްލުމަށް، 19 އަހަރަށް ފަހު ނިންމައިފި

ނިތާރީ ކޭސްގައި ގެއްލުނު އަންހެނުންނާއި ކުޑަކުދީންގެ ތަޞްވީރުކަތެއް.

farudhun logo

ފަރުދުން

26 ނޮވެމްބަރު 2025، 04:54

26 ނޮވެމްބަރު 2025، 04:54

އިންޑިއާގެ އެންމެ ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ނިތާރީ ކޭހުގައި ތުހުމަތުކުރެވި، ކުށް ސާބިތުވި ކަމަށް ނިންމައި، މަރުގެ އަދަބު އިއްވާފައި ތިބި ދެ މީހުންގެ ތެރެއިން ދެވަނަ މީހާ ދޫކޮށްލުމަށް، އެ ޤައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. 

އަންހެނުންނާއި ކުޑަކުދީންގެ 19 ނަފްސެއް ޙައްޤަކާ ނުލައި ޤަތުލުކުރުމުގެ ކުށާއި، އެ ނޫން ވެސް އެތައް ކުށެއް ހިމެނޭ މި މައްސަލައިގައި، މަރުގެ އަދަބު އިއްވާފައިވަނީ  މޮނިންދަރު ސިންގް އަދި އޭނާގެ ނޯކަރު ސުރިންދަރު ކޯލީގެ މައްޗަށެވެ.

2006ވަނަ އަހަރު މޮނިންދަރާއި ސުރިންދަރު ހައްޔަރުކުރީ، މޮނިންދަރުގެ މިލްކިއްޔާތުގެ ދަށުގައިވީ ބަންގަލޯއެއްގެ ތެރެއާއި، އެ ބަންގަލޯގެ ވަށައިގެން، އިންސާނުންގެ ހަށިތަކާއި، ބޮލުގެ ނާށިގަނޑާއި، އެ ނޫންވެސް ހަށިގަނޑުގެ ބައިތައް ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގެ ތަޙުޤީޤުތަކަށް ފަހު، ޖުމްލަ 19 އަންހެނުންނާއި ކުޑަކުދީން ޤަތުލުކޮށް، އެ މީހުންގެ ހަށިގަނޑުތަކުން ގުނަވަންތައް ވަކިކޮށް، އަދި ޖިންސީ ގޮތުން ގެއްލުން ދިނުމުގެ ތުހުމަތުތަށް އެ ދެ މީހުންނަށް ކުރެވުނެވެ.

މައްސަލައިގެ ތަޙުޤީޤުތަކަށް ފަހު، 2009ވަނަ އަހަރު ނިންމީ، އެ ދެ މީހުންގެ މައްޗަށް މަރުގެ ސަޒާ އިއްވުމަށެވެ. އޭރުއްސުރެ އެ ދެ މީހުން ތިބީ، އަދަބު ތަންފީޒުކުރެވެންދެން ބަންދުކޮށްފައެވެ. އެއަށް ފަހު، މޮނިންދަރާއާއި ސުރިންދަރާ ދެކޮޅަށް ބޭނުންކޮށްފައި ހުރި ހެކިތައް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންނުވާ ކަމަށް ފެނިގެން، 2023ވަނަ އަހަރު އިންޑިއާގެ ހައި ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވި ކަމަށް ކުރީން ނިންމި ނިންމުން ބާޠިލުކޮށްފައެވެ. ވުމާ އެކު، އެ އަހަރު މޮނިންދަރު ބަންދުން ދޫކޮށްލެވުނެވެ.

މޮނިންދަރު ޖަލުން މިނިވަންވުމާ އެކު، އޭނާ ކުށުން ބަރީއަކަމަށް ބުނެ މީޑިއާތަކާ މުޚާޠަބުކުރިއެވެ. ނަމަވެސް ސުރިންދަރު މިހާރު ދޫކޮށްލާފައިވާއިރު، އޭނާ އަދި ޢާންމު ތަނަކުން ފެނިފައެއް ނުވެއެވެ. އަަދި މީޑިއާތަކަށް ބަހެއް ބުނެފައެއް ވެސް ނުވެއެވެ. އެހެނަސް އޭނާގެ ޤާނޫނީ ވަކީލު ޔުގް މޯހިތް ޗޯދަރީ ބުނީ، އޭނާއާ ދެކޮޅަށް ޙުއްޖަތުގެ ގޮތުގައި ބޭނުންކުރީ ހުސް ދޮގު ކަމަށެވެ. 

19 އަހަރަށް ފަހު، އޭނާއަށް މަރުގެ އަދަބު އިއްވި 13 މައްސަލައިގެ ތެރެއިން 12 މައްސަލައިގައި މާ ކުރިން އޮތީ މަޢުޞޫމު ކަމަށް ސާބިތުވެފައި. ބާކީ އޮތީ އެއް މައްސަލަ. އެ މައްސަލައިގައި 5 ކޯޓަކުން އޭނާ ކުށްވެރި ކަމަށް ކަނޑައަޅައި، މަރުގެ އަދަބު އިއްވި. ނަމަވެސް މިއަދު، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ވެސް އެ 4 ނުވަތަ 5 ކޯޓުގެ ނިންމުން އުވާލާފައި. މިއީ ވަރަށް ބޮޑެތި ތުހުމަތުތައް. އެކަމަކު ހުރިހާ ޙުއްޖަތެއްގައި ވެސް އޮއްޓަރެއް ނެތް.

ސުރިންދަރުގެ ޤާނޫނީ ވަކީލު ޔުގް މޯހިތް ޗޯދަރީ މިއަދު ބުންޏެވެ.

ސުރިންދަރު ކުށުން ބަރީއަ ކަމަށް ދަޢުވާކޮށް، ކޯޓުގައި އެތައް ފަހަރަކު އިޙުތިޖާޖުކޮށްފައިވެއެވެ. އޭނާގެ ބުނުން ސުޕްރީމް ކޯޓުން އެންމެ ފަހުން ބަލައިގެންފައި މިވަނީ، އޭނާގެ އިޢުތިރާފަކީ ފުލުހުން އަނިޔާކޮށްގެން ގަދަބާރުން ބުނުވި ބަހެއް ކަމަށް ސުރިންދަރު ބުނުމުންނެވެ. ވުމާ އެކު، ސުރިންދަރު މި ކުށްތަކުގައި ބައިވެރިވިކަން ޔަޤީންކަމާ އެކު ކަށަވަރުނުވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މިއީ ޖިނާއީ މައްސަލަތަކުގެ ތެރޭގައި، ފަހުގެ ތާރީޚެއްގައި އިންޑިއާގައި ފާހަގަކޮށްލެވޭ އެންމެ އަނިޔާވެރި އަދި އެންމެ ކުށްވެރި އެއް މައްސަލައެވެ. ވުމާ އެކު، މި މައްސަލަ ހިނގި ނިތާރީ އަވަށުގެ މީހުންނަށް، އޭނާ ބަރީއަކަން ޤަބޫލުކުރުމަކީ ދަތި ކަމަކަށް ވަނީ ވެފައެވެ.

އެ މީހުން މަޢުޞޫމު ކަމުގައި ވަނީ ނަމަ، ދެން ކީއްވެ އެ މީހުން ޖަލުގައި 18 އަހަރު ބޭތިއްބީ؟

މި މައްސަލައިގައި ގެއްލުނު ކުއްޖެއްގެ މަޔަކު ކަމުގައިވާ ސުނީތާ ކަނައުޖިއާ ރޮމުން ރޮމުން ބުންޏެވެ. 2005ވަނަ އަހަރު އޭނާގެ އަންހެން ދަރިފުޅު ޖަޔޯތީ ގެއްލުމަށް ފަހު، ބަންގަލޯގައި ހުރި ހަށިތަކުގެ ސާމްޕަލުން ހެދި ތަޙުލީލުތަކުގައި، ޖަޔޯތީގެ ޑީ.އެން.އޭ. ވަނީ ފެނިފައެވެ.

ސުނީތާގެ ފިރިމީހާ، ޖައްބޫ ލާލް ކަނައުޖިއާ އަކީ މި މައްސަލައިގައި މަރާލި މީހުންގެ އަސަރުތައް ފެނުނު ނަރުދަމާ ސަރަޙައްދަކަށް އެރުނު ޢާންމުންގެ މީހެކެވެ. ކޯޓަށް ދިޔައީ 19 މީހުންގެ ޤަތުލުގެ މައްސަލަ ކަމުގައި ވިޔަސް،  2006ވަނަ އަހަރު އޭނާ އެ ތަނަށް އެރުނުއިރު، 19އަށް ވުރެ މާ ގިނަ ޢަދަދެއްގެ ކަށްބޯތައް އެ ތަނުން ފެނުނު ކަމަށް ޖައްބޫ ކިޔައިދިނެވެ.

މި މައްސަލައިގައި ޢާންމުންގެ ގިނަ ބަޔަކު ފުލުހުންނާ މެދުގައި ވެސް ނުރުހުން ފާޅުކުރެއެވެ. މި ކަމުގެ ސަބަބުތަކުގެ ތެރޭގައި، ތުހުމަތުކުރެވުނު ދެ މީހުންނަށް ފުލުހުން އަނިޔާކުރިކަމަށް ދޭހަވާ ކަމަށް ކޯޓުން ކަނޑައެޅުން ހިމެނެއެވެ. އަދި މި ކޭހުގައި ގެއްލުނު އެތައް ކުދިބައެއްގެ ބެލެނިވެރީންނަށް ފުލުހުން ދިން ޒިންމާދާރީކުޑަ ޖަވާބުތައް ވެސް ހިމެނެއެވެ. މިސާލަކަށް، ޕައްޕޫ ލާލް ކިޔާ މީހެއްގެ 8 އަހަރުގެ އަންހެން ދަރިފުޅު ގެއްލުމުން، ފުލުހުން ބުނީ އޭނާ "ލޯބިވެރިއަކާ އެކުގައި ފިލީ" ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަޙުޤީޤަށް 8 މަސް ވީ ފަހުން، ރަޗްނާ ނަމަކަށް ކިޔާ އެ ކުޑަކުއްޖާގެ ހެދުމާއި ފައިވާން، ބަންގަލޯ ކައިރިން ވަނީ ފެނިފައެވެ.

މުޅި އިންޑިއާއާއި ބައިނަލްއަޤުވާމީ މީޑިއާއަށް ސިހުން ގެނުވި މި "ހައުސް އޮފް ހޮރަރ" ކޭހަށް 20 އަހަރުވާން ގާތްވެފައިވާއިރު، ޢާންމުން އުފައްދާ ސުވާލަކީ، "ތުހުމަތު ކުރެވުނު ދެ މީހުން މަޢުޞޫމު ވިއްޔާ، ކުށް ކުރި ބަޔަކީ ދެން ކޮބައި ހެއްޔެވެ؟"

Ads by MSS

މި ލިޔުން ކިޔާލުމުން