ޚަބަރު
ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި ހާދިސާގައި ސްޓެލްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބެކަޕް އިންޖީނުތައް / ފޮޓޯ: ސަން
ފަރުދުން
26 ނޮވެމްބަރު 2025، 07:42
26 ނޮވެމްބަރު 2025، 07:42
ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި ހާދިސާގައި ސްޓެލްކޯގެ މުވައްޒަފަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
މިއަދު ހިނގި މި ހާދިސާގައި އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ އެކިތަންތަން ފިހިފައިވުމުގެ ސަބަބުން، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ސްޓެލްކޯގެ އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އަނިޔާވި މީހާއަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. އަދީ އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފާރުވާދިނުމަށްފަހު، އިތުރުފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ސްޓެލްކޯއިން ބުނީ އަނިޔާވި މުވައްޒަފުގެ ފަރުވާއާ ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗް ގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ، މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެ ކުންފުނިން ދޭނެ ކަމަށެވެ.
މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ނުފެތުރުމަށް ވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ވަޤުތީގޮތުން މެދުކެނޑިފައެވެ. ނަމަވެސް ހުރިހާ ސަރަޙައްދަކަށް ފަހުން ކަރަންޓު ފޯރުކޮށްދިނެވެ.