ޚަބަރު
ތުލުސްދޫގައި ތަރައްޤީކުރާ އައު ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ތުލުސްދޫގައި ތަރައްޤީކުރާ އައު ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، އައު ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބީމް އެޅުމުގެ މަސައްކަތާއި ކޮލަމްތައް ހެދުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އޭގެ ތެރޭގައި 1،729.12 އަކަފޫޓުގެ ހެލްތް ސެންޓަރުގެ ބްލޮކަކާއި، 238.11 އަކަފޫޓުގެ ސާވިސް ބްލޮކެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު، 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް ވެސް މި މަޝްރޫޢުގެ ތެރެއިން އިމާރާތްކުރާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
Project Update: Construction of K. Thulusdhoo Hospital
— MTCC Plc (@MTCCPlc) November 26, 2025
Hospital building tie beam concrete work and erection work of footings with column reinforcements are ongoing at the site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/8MNK2zRqA5
މީގެ އިތުރުން، ހެލްތް ސެންޓަރުގެ ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމްޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢަކީ، 101.71 މިލިއަން ރުފިޔާއަށް ޞިއްޙީ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.