ޚަބަރު
މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުވައި، ކިޔެވުން ފަށައިފި
މާލޭ ވޮކޭޝަނަލް ހައި ސްކޫލް ހުޅުވުން/ފޮޓޯ: ވުޒާރާ
މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުވައި، ކިޔެވުން ފަށައިފި އެވެ. މި ހައި ސްކޫލު ރަސްމީކޮށް ހުޅުއްވައިދެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެވެ.
މިއީ، ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވި ސްކޫލެކެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މި ސްކޫލް ހުޅުވިގެން ދިއުމާއެކު މަތީ ސާނަވީ ތަޢުލީމުގެ ޕާތްވޭއެއް އިތުރުވެ، ޢަމަލީ އަދި ސިނާޢީ ދާއިރާއަށް ގުޅޭ ތަމްރީނަށް ޝައުޤުވެރިވާ ދަރިވަރުންނަށް ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މި ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ނިންމާ ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ކޯސް ނިންމުމަށްފަހު ވަޒީފާއަކަށް ދިއުމަށް އިޚްތިޔާރުކުރާ ދަރިވަރުންނަށް، އެ ފުރުޞަތު ވެސް ފަހިވެގެންދާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ. ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، ހައި ސްކޫލްގެ މޮޑެލްއަށް ކިޔަވައިދޭ މި ސްކޫލްގައި އެޗް.އެސް.ސީގެ ދެ މާއްދާ ކަމުގައިވާ އިސްލާމް އަދި ދިވެހި ކިޔަވައިދޭނެ ކަމަށެވެ.
މަތީ ސާނަވީ ތަޢުލީމު ހާޞިލުކުރާ ދަރިވަރުންގެ ޢަދަދު އިތުރުކޮށް، ތަފާތު ޕާތްވޭތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތުތައް އިތުުރުކުރުމަކީ ތަޢުލީމީ ވުޒާރާގެ މުހިންމު ސިޔާސަތަކަށްވާއިރު، މިއަދު ހުޅުވިގެން މިދިޔަ ސްކޫލާއެކު ވޮކޭޝަނަލް ޕާތްވޭއިން ކުރިއަށްދިއުމަށް ބޭނުންވާ ދަރިވަރުންނަށް އެ މަގު ފަހިވެގެން ގޮސްފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު، އެކެޑެމިކް ޕާތްވޭއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ފަހިކުރުމަށްޓަކައި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް މަތީ ސާނަވީ އަށް ވަދެވޭ ގޮތަށް ސިޔާސަތަށް ބަދަލުގެނެވިފައިވާއިރު، ސްކޫލުތަކުގެ ޖާގަ އިތުރުކުރުމުގެ ގޮތުން މާލޭގައި ހުރި ސީއެޗްއެސްއީ އަލުން ހުޅުވުމާއި، އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގައި އޭލެވެލް އަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމްތައް ވެސް ކުރިއަށްދާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.