ދީން
ޞަލަވާތް ކިޔެވުމަކީ ހުކުރު ދުވަހުގެ ޝިޢާރެވެ.
އަލްމަދީނަތުލްމުނައްވަރާގެ ތަޞްވީރެެއް.
ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އިސްލާމް ދީނުގައި ޚާއްޞަ އަހަންމިއްޔަތެއް ދެވިފައިވާ ދުވަހެކެވެ. އެ ދުވަހަކީ އަހަރެމެންގެ ބަފައިކަލުން، ސަލާމްލެއްވި ސައްޔިދުނާ އާދަމްގެފާނުން ޚަލްޤުކުރެއްވި ދުވަހެވެ. އަދި އެ ދުވަހަކީ، އެ ކަލޭގެފާނުން ސުވަރުގެއަށް ވެއްދެވުނު ދުވަހެވެ. އަދި އެ ދުވަހަކީ، އެ ކަލޭގެފާނުން ސުވަރުގެއިން ނެރުއްވުނުމެ ދުވަހެވެ. އަދި ދުނިޔެ ޤިޔާމަތްވާނީ ވެސް ހުކުރު ދުވަހެއްގައިކަން ޙަދީޘްގައި ވަނީ ބަޔާން ކުރެވިފައެވެ.
ވީމާ، ހުކުރު ދުވަހަށް އިސްވެ ދެންނެވުނު ޚާއްޞިއްޔަތުތައް ލިބިފައިވުމާ އެކު، އެ ދުވަހަކީ ހަފްތާގެ ޢީދު ކަމުގައި ސަލާމާއި ޞަލަވާތް ލެއްވި ލޮބުވެތި ރަސޫލުﷲ ވަނީ ޙަދީޘްކުރައްވާފައެވެ. (ރިވާކުރެއްވީ: އިބްނު މާޖަހް، އައްޠަބަރާނީ). ދެ ޢީދު ދެ ދުވަހުގެ ޝިޢާރަކީ ތަކްބީރު ކިޔުންކަން އަހަރެމެން އެންމެން ވެސް ދަންނަމެވެ. ހަމަ އެ ގޮތަށް، ހަފްތާގެ ޢީދު ނުވަތަ ހުކުރު ދުވަހަށް ޚާއްޞަކުރެވިގެންވާ ޝިޢާރަކީ އިތުރު ރަސޫލުﷲގެފާނުންގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ.
މި ކަން ބަޔާންކުރައްވައި އިތުރު އެ ކަލޭގެފާނުން ޙަދީޘް ކުރައްވާފައި ވެއެވެ
ހަމަ ކަށަވަރުން، ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު ދުވަހެއް ކަމުގައި ހުކުރު ދުވަސް ވެތެވެ. ފަހެ އެ ދުވަހު ތިމަންކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ކިޔެވުން އިތުރުކުރާ ހުއްޓެވެ. ފަހެ ހަމަ ކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭ ކަމުގައި ވެތެވެ.
(ރިވާ ކުރެއްވީ: އަބޫ ދާވޫދު، އައްނަސާއީ، އަޙްމަދު، އިބްނު މާޖަހް)
ވީމާ، އިސްވެ ނަޤުލު ކުރެވުނު ޙަދީޘްގެ އަލީގައި، ހުކުރު ދުވަހާއި ހުކުރު ވިލޭ ރޭ ޞަލަވާތް ކިޔެވުން ގިނަކުރުމީ އެދެވިގެންވާ ކަމެއް ކަމުގައި ދަންނަ ބޭކަލުން ވަނީ ލިޔުއްވާފައެވެ.
އަލްއިމާމުއްޝާފިޢީ އެ ކަލޭގެފާނުންގެ ކިތާބުލްއުންމުގައި ލިޔުއްވާފައިވެއެވެ:
ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާގެ މައްޗަށް ކޮންމެ ޙާލެއްގައިމެ ގިނަގިނައިން ޞަލަވާތް ކިޔެވުމީ ތިމަން ލޯބިކުރާ ކަމަކީއެވެ. އަދި ތިމަން އެ ކަމަށް ލޯބިކުރާ ލެއް ހުކުރު ދުވަހާއި ހުކުރު ވިލޭ ރޭ އަދި މާ އިތުރުކަން ބޮޑުވެގެން ވެތެވެ.
(ކިތާބުލްއުންމް، 1/239)
ޞަލަވާތް ކިޔެވުމުގެ މާތްކަން
ޞަލަވާތް ކިޔެވުމުގެ މާތްކަން ފަހުމުވުމަށް އެދޭ މީހާއަށް އަންނަނިވި ނުކުތާ ފުދެއެވެ.
ވިސްނާ ފިކުރު ހިންގާލާށެވެ. ކީރިތި ޤުރްއާނަކީ އިންސާނުން އުޅެން ޖެހޭ އެންމެހައި ގޮތްތައް ބަޔާންކޮށްދެއްވުމަށް މާތް ﷲ ބާވާލެއްވި ފޮތެވެ. އެ ފޮތުގައި މީސްތަކުންނަށް އެތައް އަމުރުފުޅެއް ވަނީ ކުރައްވާފައެވެ. يا أيها الناس (އޭ މީސްތަކުންނޭވެ) މި ފަދައިންނެވެ. އަދި އެހެން އާޔަތްތަކުގައި، މުއުމިނުންނަށް ޚާއްޞަކޮށް ވަނީ މުޚާޠަބުކުރައްވާފައެވެ. يا أيها الذين آمنوا (އޭ އީމާންވެއްޖެ މީސްތަކުންނޭވެ) މި ފަދައިންނެވެ. މި އެންމެހައި އާޔަތްތަކުގައި އިލާއީ އެތައް އަމުރުފުޅެއް ހިމެނިގެންވެއެވެ. ނަމަވެސް މި އެންމެހައި އަމުރުފުޅުތަކުގެ ތެރެއިން، ޞަލަވާތް ކިޔެވުމަށް ކުރެއްވި އަމުރުފުޅު ވަކީން ޚާއްޞަވެފައި ތަފާތެވެ.
އެ އާޔަތަކީ އަހަރެމެން އެންމެނަށް ވެސް ވަރަށް ފަރިތަ އާޔަތެކެވެ. ކޮންމެ ހުކުރު ޚުޠުބާއެއްގައި އަޑުއިވޭ ވިއްޔާއެވެ:
إن الله وملائكته يصلون على النبي يا أيها الذين آمنوا صلّوا عليه وسلموا تسليمًا
މާނައީ: "ހަމަ ކަށަވަރުން، ﷲއާއި އެ ކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. އެ ކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ތިޔަބައިމީހުން ދުޢާކުރާށެވެ. އަދި އެ ކަލޭގެފާނުންގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ."
މި އާޔަތުގައި އީމާންވި މީސްތަކުންނަށް ޞަލަވާތް ކިޔެވުމަށް އަމުރުކުރެއްވުމުގެ ކުރީން، އެ އަމުރުފުޅަށް ޚާއްޞަ މުޤައްދިމާއެއް ވަނީ ވަޙީކުރައްވާފައެވެ. އެ މުޤައްދިމާއަކީ إن الله وملائكته يصلون على النبي މިއެވެ. މުއުމިނުތަކުންނަށް ޞަލަވާތް ކިޔެވުމަށް އަމުރުކުރެއްވުމުގެ ކުރީން، މާތް ﷲ ބަޔާންކުރައްވާފައިވަނީ، މި ކަމަކީ އެ ކަލާނގެއާއި، އެ ކަލާނގެ މަލާއިކަތުން ވެސް ޝާމިލުވާ ކަމެއް ކަމެވެ. މިއިން ހާމަވަނީ ޞަލަވާތް ކިޔެވުމުގެ ޚާއްޞަކަމާއި މަތިވެރިކަމެވެ. މާތް ﷲ ޤުރްއާނުގައި އެންގެވި އެއްވެސް އެހެން އަމުރުފުޅެއްގައި، އެ އަމުރުފުޅުގެ މާތްކަން ހާމަކޮށްދިނުމަށް މި ފަދަ "އިސްބަހެއް" ހިމަނުއްވާފައެއް ނުވެއެވެ.
ދެން ފަހެ ވިސްނާލަބަލާށެވެ. މި އާޔަތުގައި النبي މި ކަލިމަ ބޭނުންކުރެއްވުމުގައި ވެސް ޚާއްޞަ ސިއްރެއް ވެއެވެ. ޤުރްއާނުގެ ކޮންމެ ކަލިމައަކީ ވެސް، އާޔަތްތަކުގެ ފަށުއިކަމާއި، މާނައިގެ ފުރިހަމަކަމަށް ރިޢާޔަތްކުރައްވައި، ޚާއްޞަ ފަރުމާއެއްގެ ތެރެއިން އިސްތިޢުމާލުކުރައްވާފައިވާ ކަލިމައެކެވެ. ޤުރްއާނުގެ ކޮންމެ ޢިބާރަތެއްގައި ވެސް، މާތް ﷲ އިރާދަކުރައްވައިފި މީހަކަށް ދައްކަވާ ޚާއްޞަ ޙިކުމަތްތަކެއް ހުންނާނެއެވެ. މި ގޮތުން، މި އާޔަތުގައި الرسولގެ ބަދަލުގައި النبي ބޭނުންކުރެއްވުމާ މެދު ވިސްނާލަމާތޯއެވެ. ޢަރަބި ބަހުގައި النبي މި ކަލިމަ ނެގިފައިވާ އަޞްލުތަކުގެ ތެރޭގައި ޢިލްމުވެރީން ބަޔާންކުރައްވާފައިވާ އެއް އަޞްލަކީ، النَّبْوَة މިއެވެ. މާނައަކީ މަތިވެރިކަމެވެ. މި އަޞްލުގެ މައްޗަށް ބިނާކޮށް، النبيގެ މާނަތަކުގެ ތެރޭގައި، "މަތިވެރިވެގެންވާ" މި މާނަ ހިމެނެއެވެ. މިއާ ޚިލާފަށް، الرسول ނެގިފައިވަނީ الرسالةއިންނެވެ. މާނައަކީ ރިސާލަތު ފޯރުކޮށްދެއްވާ ބޭކަލެވެ. ވީމާ، އިސްވެ ދެންނެވުނު ޞަލަވާތުގެ އާޔަތަކީ ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާގެ މަތިވެރިކަން ވަރަށް ބޮޑަށް ހާމަވާ އާޔަތެއް ކަމަށް ވުމުން، އެ އާޔަތުގައި النبي ("މަތިވެރިވެގެންވާ") މި ކަލިމަ ބޭނުންކުރެއްވުން މުނާސިބު ކަމުގައި ވިއެވެ.
ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުންގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ، އޭގައި ޢަދަދުނުކުރެވޭހައި ގިނަ މަންފާތައް އެކުލެވިގެންވާ މާތް ޢަމަލެކެވެ. މީގެ ތެރެއިން ވަރަށް ގިނަ ފައިދާތައް، އަލްއިމާމުއްސަޚާވީ އެ ކަލޭގެފާނުންގެ ފޮތް "އަލްޤައުލުލްބަދީޢު"ގައި ހިމަނުއްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ކުރު ގޮތަކަށް ނަންގަންނާނަމެވެ:
- ފާފަތައް ފުއްސެވުން، ދަރަޖަ އުފުއްލެވުން، ދަތި އުނދަގޫތަކުން ސަލާމަތްކުރެއްވުން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެ ކަލޭގެފާނުންގެ ޝަފާޢަތް ޙައްޤުވުން، ﷲގެ ރަޙުމަތާއި ރުއްސެވުން ލިބުން، ޢަޛާބުން ދުރުކުރެއްވުން، ޙާޖަތްތައް ފުރިހަމަކުރެއްވުން، ރިޒްޤު ތަނަވަސްވުން، އާޚިރަތް ދުވަހު ރައްކާތެރިކަން ދެއްވުން
މި ކަންކަމުގެ އިތުރުން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުންގެ މައްޗަށް އެއް ފަހަރު ޞަލަވާތް ކިޔެވުމުން، މާތް ﷲ އަޅާގެ މައްޗަށް ދިހަ ޞަލަވާތް (އެ ބަހީ: ދިހަ ރަޙުމަތް) ލައްވާ ކަމަށް ޙަދީޘްގައި ވަނީ ބަޔާންވެގެންނެވެ. (ރިވާކުރެއްވީ: މުސްލިމް). ކޮންމެ ހެޔޮ ޢަމަލަކީ ދިހަ ގުނައަށް އިތުރުކުރެވޭ ޢަމަލެއް ކަމަށް ކީރިތި ޤުރްއާނުގައި ވެސް ވަނީ ވަޙީކުރައްވާފައެވެ. (ސޫރަތުލްއަންޢާމް އާޔަތް 160).
އަދި ހަމަ އެހެންމެ، ޞަލަވާތް ލެއްވުން އެދި އަހަރެމެން ކުރާ ދުޢާތަކުގެ ސަބަބުން، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި މާތް ނަބިއްޔާގެ ޝަފާޢަތާއި ހެޔޮ ދުޢާ އަހަރެމެންނަށް ޙައްޤުވާކަން ވެސް ޙަދީޘުން އެނގެއެވެ. އެހެނީ، އެ ކަލޭގެފާނުން ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް، އެ ކަލޭގެފާނަށް ސަލާމް ފޮނުވާ ފަރާތްތަކަށް އެ ކަލޭގެފާނުން ރައްދު ދެއްވާނޭ ކަމަށް ޙަދީޘްކުރައްވާފައިވެއެވެ. (ރިވާކުރެއްވީ: އަބޫ ދާވޫދު، އަޙްމަދު). ވީމާ، ތިބާ އެންމެ ހެޔޮ މެޚުލޫޤަށް ސަލާމް ލެއްވުން އެދި ދުޢާކުރާ ކޮންމެ ފަހަރަކު، އިތުރު އެ ކަލޭގެފާނުން ވެސް ތިބާއަށް ސަލާމް ރައްދުކުރައްވާނެއެވެ. އެއީ ކިހައި މާތް ނަޞީބެއް ހެއްޔެވެ؟ އެ ފަދަ މާތްކަމެއް ހިތުތެރޭ ނިކަން ތަޞައްވަރުކޮށްލަބަލާށެވެ.
އިސްވެ ދެންނެވުނު ނުކުތާ، ޙަދީޘުން ފިޔަވައި، ކީރިތި ޤުރްއާނުން ވެސް އަލްއިމާމުއްރާޒީ ވަނީ އިސްތިންބާޠުކުރައްވާފައެވެ. އަލްއިމާމުއްރާޒީ ލިޔުއްވާފައިވާ ގޮތުގައި، އައްނިސާ ސޫރަތުގެ 86ވަނަ އާޔަތުގައި، ބަޔަކު ވެދުމެއް ކޮށްފި ނަމަ އެއާ އެއްފަދަ، ނުވަތަ އެއަށް ވުރެ ރިވެތި ވެދުމަކުން ރައްދު ދިނުމަށް މާތް ﷲ ވަނީ އަމުރުކުރައްވާފައެވެ. އަދި މިއާ އެކު، އަލްއަޙްޒާބް ސޫރަތުގެ 56ވަނަ އާޔަތުގައި، ސަލާމާއި ޞަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމް ކިޔެވުމަށް މުއުމިނުންނަށް ވަނީ އަންގަވާފައެވެ. ވީމާ، އިހަށް ނަންގަނެވުނު އާޔަތާ އެއްގޮތަށް، ޞަލަވާތާއި ސަލާމުގެ ގޮތުގައި އަހަރެމެން އެ ކަލޭގެފާނަށް ފޮނުވާ ވެދުމުގެ ބަދަލުގައި، އެ ވެދުމާ އެއްފަދަވެގެންވާ، ނުވަތަ އެއަށް ވުރެ މަތިވެރި ވެދުމަކުން ރައްދު ދެއްވުމަކީ ސަލާމާއި ޞަލަވާތް ލެއްވި އެ ކަލޭގެފާނުންގެ މައްޗަށް އޮތް ކަމެކެވެ. އެހެންކަމުން، އަހަރެމެން ޞަލަވާތް ކިޔަވާ ކޮންމެ ފަހަރަކުމެ، އެ ކަލޭގެފާނުންގެ ވެދުމާއި ދުޢާގެ ބަރަކާތުން އަހަރެމެންނަށް ބަރަކާތް ލިބިގެން ދާނެއެވެ. (ތަފްސީރުއްރާޒީ، 3/500).
މި ގޮތަށް ވިސްނާއިރު، ޞަލަވާތް ކިޔެވުމަކީ ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެ ކަލޭގެފާނަށް މަންފާކުރަނިވި ކަމެއްގެ ގޮތުގައި ދުށުމަށް ވުރެ ބޮޑަށް، އެ ކަމަކީ ޚުދު އަހަރެމެންގެ އަމިއްލަ ނަފްސުތަކަށް މަންފާކުރާ ކަމެއްގެ ގޮތުގައި ދޭހަވެއެވެ. އަލްއިމާމުއްރާޒީގެ ތަފްސީރުން އިސްވެ ނަޤުލުކުރެވުނު ނުކުތާއިން ހާމަވާ ގޮތުގައި، މާތް ނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ، އަހަރެމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ސަބަބަކީ، އެ ކަލޭގެފާނަކީ މާތް ﷲއާ އެންމެ ކުއްތަންވެގެންވާ، އެ ކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މަޚުލޫޤު ކަމުގައި ވުމެވެ. ވީމާ، އެ ކަލޭގެފާނުންގެ ދުޢާ އެހެން އެންމެންގެ ދުޢާއަށް ވުރެ އިޖާބަކުރެއްވުން ގާތެވެ. އަދި ކީރިތި ޤުރްއާނުގައި ވެސް، ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ މީސްތަކުންނަށް ކޮށްދެއްވާ ދުޢާއަކީ، އެ މީހުންނަށް ހަމަޖެހުން ލިބުމަށާއި، އެ މީހުން މާތް ﷲއާ ކުއްތަންވުމަށް މަގު ފަހިކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ޞިފަކުރައްވާފައެވެ. (ސޫރަތުއްތައުބާ އާޔަތް 99 އަދި 103).
ކީރިތި މާތް ޙަބީބު صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ މާތްކަމާ ބެހޭ ގޮތުން ކިތަންމެ ގިނައަކުން ވެސް ލިޔެވިދާނެއެވެ. ނަމަވެސް، މި ލިޔުމުގައި އަލި އަޅުވާލެވުނު ކަންކަމުގައި، ވިސްނައި ފިކުރުކޮށްފި މީހަކަށް ކިފާޔަތެއް ވާ ކަމުގައި ދެކެމެވެ. ވީމާ، މި މާތް ހުކުރު ދުވަހު، އަހަރެމެންގެ މާތް ޞާޙިބާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔެވުން އިތުރުކުރުމަށް ވަޞިއްޔަތްކުރަމެވެ.