ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު "ސިލްވަރ ބަރ" ތައާރަފްކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް ރެކޯޑް ފޮތަށް!

ދުނިޔޭގެ އެންމެ ބޮޑު "ސިލްވަރ ބަރ" ތައާރަފްކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް ރެކޯޑް ފޮތަށް!

ދުނިޔޭގެ އެންމެ ބޮޑު ސިލްވަރ ބާރ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ނޮވެމްބަރު 2025، 04:56

28 ނޮވެމްބަރު 2025، 04:56

ދުނިޔޭގެ އެންމެ ބޮޑު "ސިލްވަރ ބަރ" ތައާރަފްކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދުނިޔޭގެ ފެންވަރުގައި އިތުރު ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މި ބޮޑު "ސިލްބަރ ބަރ" ނުވަތަ ރިހި ގަނޑު ތައާރަފްކޮށްފައިވަނީ ދުބާއީ މަލްޓި ކޮމޮޑިޓީސް ސެންޓަރު (ޑީއެމްސީސީ) އިން ކަމަށް ވެއެވެ.

ނޮވެމްބަރު 24 ގައި ބޭއްވުނު 'ދުބާއީ ޕްރިޝަސް މެޓަލްސް ކޮންފަރެންސް' ގައި މި ހައިރާންކުރުވަނިވި ރިހި ގަނޑު ވަނީ އާންމުކޮށްފައެވެ. މި ކޮންފަރެންސަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުންނާއި އިންވެސްޓަރުންނާއި މި ދާއިރާގެ ލީޑަރުން އެއްކުރާ ބައްދަލުވުމެކެވެ. މި ރިހި ގަނޑުގެ ބަރުދަނުގައި 1,971 ކިލޯގްރާމް ހުރިއިރު، މިއީ ޔޫއޭއީ އުފެދުނު އަހަރު، 1971 އާ ރަމްޒީ ގޮތުން ގުޅިފައިވާ އަދަދެކެވެ. ގިނަ ބަޔަކަށް ޤަބޫލުކުރެވޭ ގޮތުގައި މިއީ ޔޫއޭއީގެ ތާރީޚީ މުނާސަބަތަކާ ގުޅިފައިވާ ރެކޯޑެކެވެ.

ޑީއެމްސީސީގެ އެގްޒެކެޓިވް ޗެއާމަން އަދި ސީއީއޯ، އަޙްމަދު ބިން ސުލޭމް ވިދާޅުވީ މި ކޮންފަރެންސްގެ 13 ވަނަ ބައްދަލުވުމުގައި ގިނަ ކާމިޔާބީތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ރެކޯޑް-ބްރޭކިންގ ރިހި ގަނޑު ފާހަގަވެގެން ދިޔައީ އޭގެ ފަރުމާކުރުމާ އޭގެ ބޮޑު މިނުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ދިގުމިނުގައި 1.3 މީޓަރު ހުންނައިރު، މިއީ އިންޖިނިއަރިންގެ ފުރިހަމަކަމާއި ފަރުމާގެ ރީތިކަން ފެނިގެންދާ ރިހި ގަނޑެކެވެ. "މި ހިތްގައިމު އުފެއްދުން ރަމްޒުކޮށްދެނީ ދުނިޔޭގެ ކޮމޮޑިޓީސް ދާއިރާގައި އައު އީޖާދުތަކާއި ފުރިހަމަކަމަށް ޔޫއޭއީއިން ދޭ އަހައްމިއްޔަތުކަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ރިހި ގަނޑުގެ ބަރުދަނާއި ރަމްޒީ އަގު، ގިނަސް ވޯލްޑް ރެކޯޑްސް އިން ސެޓިފިކޭޓް ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިއީ އެ ޤައުމު އުފެދުނު އަހަރަށް ދީފައިވާ ޝަރަފެއްގެ އިތުރުން، ބައިނަލްއަޤުވާމީ ވިޔަފާރީގަޔާއި އަގުހުރި މެޓަލްސް ރިފައިން ކުރުމުގެ ދާއިރާގައި ޔޫއޭއީގެ ނުފޫޒު ދަނީ އިތުރުވަމުންކަން ދައްކުވައިދޭ ކަމެކެވެ.

ކޮންފަރެންސްގައި ބައިވެރިވި އިންޑަސްޓްރީގެ ތަޖުރިބާކާރުން ސިފަކުރެއްވީ މި ރިހި ގަނޑު އާންމުކުރުމަކީ ދުބާއީއަކީ ބުލިއަން ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ހަރުދަނާ ކުރުމަށް އެޅުނު ސްޓްރެޓީޖިކް ފިޔަވަޅެއްގެ ގޮތުގައެވެ. މި ރިހި ގަނޑަކީ އަގުހުރި މެޓަލްސްގެ ވިޔަފާރީގެ ދާއިރާގައި ވިޔަފާރިވެރިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މުހިންމު ތަފާތުކަމެއް ގެނެސްދޭނެ އެއްޗެއް ކަމަށް ވެސް މާހިރުން ފާހަގަކުރެއެވެ. މީގެ ސަބަބުން މި ދާއިރާގައި އައު އީޖާދުތަކާ އެކު ކުރިއަރައިގެން ދިޔުމަށް ދުބާއީގެ ހުވަފެން އިތުރަށް ހަރުދަނާވެގެން ދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން