ދުނިޔެ

ތައިލެންޑްގެ ދެކުނުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 145 އަށް އަރައިފި

ތައިލެންޑްގެ ދެކުނުގައި ފެންބޮޑުވެ  މަރުވި މީހުންގެ އަދަދު 145 އަށް އަރައިފި

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަޙައްދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ނޮވެމްބަރު 2025، 05:51

28 ނޮވެމްބަރު 2025، 05:51

 ތައިލެންޑުގެ ދެކުނަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 145 އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. 

މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވަނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސޮންގްކްލާ ޕްރޮވިންސުންނެވެ.

މި ހަފްތާގައި ތައިލެންޑުގެ ދެކުނަށް، ޚާއްސަކޮށް މެލޭޝިއާ ބޯޑަރާ ކައިރީގައިވާ ހަތް ޔާއީ ޑިސްޓްރިކްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސަރުކާރުގެ ތަރުޖަމާނު ސިރިޕޮންގް އަންގްކަސަކުލްކިއަޓް ހުކުރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، "ދެކުނުގެ ޕްރޮވިންސްތަކުން ޖުމްލަ މަރުވި މީހުންގެ އަދަދު 145 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 110 މީހުން ނިސްބަތްވަނީ ސޮންގްކްލާއަށް" ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން އާންމުކުރި އަދަދުތަކަށް މިހާރު ބަދަލު އައިސްފައިވާ ކަމަށެވެ.

ފެންބޮޑުވުމުގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ފެން ހިނދެން ފެށުމާއެކު ސަލާމަތީ އަދި ހޯދުމުގެ މަސައްކަތްތައް އިތުރަށް ކާމިޔާބުވާން ފަށާފައިވާ ކަމަށް ސިރިޕޮންގް ވިދާޅުވިއެވެ. ޚަބަރުތައް ބުނާ ގޮތުގައި، ކުރިން ފެނުއަޑީގައި އޮތް ރަށްރަށަށް މިހާރު ސަލާމަތީ ޓީމުތަކަށް ވަދެވޭތީ، ޚާއްސަކޮށް ދެކުނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ހަތް ޔާއީން އިތުރު ހަށިތައް ވަނީ ފެނިފައެވެ. ފެންބޮޑުވުން ކޮންމެވެސް ވަރަކަށް މަޑުޖެހުމަށް ފަހު، ސޮންގްކްލާ ޕްރޮވިންސުން މަރުވި މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވެ، ާއެތައް ހާސް ބަޔަކުވަނީ ޙާލުގައި ޖެހިފައެވެ. މަގުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ފެނުއަޑީގައި ހުރި އިމާރާތްތަކާއި އުޅަނދުފަހަރު ވަނީ ބޭނުންނުކުރެވޭ ވަރވެފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ދެކުނު ސަރަހައްދުގައި ވާރޭވެހޭ މިންވަރު ދަށްވެފައިވީ ނަމަވެސް ބައެއް ހިސާބުތަކަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވާ ކަމަށް ވުމާއެކު ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ހާދިސާ ހިނގި ސަރަހައްދުތަކުން ހުކުރު ދުވަހު ނެގި ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މަގުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު، ކަރަންޓު ދަނޑިތައް ވެއްޓި، ގޭތެރޭގެ ސާމާނާއި ކުނިބުނިތައް ވަނީ ފެންގަނޑުގެ ތެރެއިން ދަމައިގަނެވި މަގުމައްޗަށް އެޅިފައެވެ. 

މަގުމަތީގައި ހުރި ކާރުތައް ވަނީ ބަންޑުން ޖަހާލާފައި ނުވަތަ އެއްކާރު އަނެއް ކާރުގެ މައްޗަށް ޖަމާވެފައެވެ. މިއީ ފެންގަނޑުގެ ބާރުގަދަ އޮއިވަރުގެ ސަބަބުން ދިމާވި ކަމެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން