ޚަބަރު
ސަރުކާރުން މިހާރު މަސައްކަތްކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް : ރައީސް މުޢިއްޒު
އައްޑޫސިޓީ ފޭދޫގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެގޮތުން މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުއްވައި، ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވޭނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި އުފާވެރި މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ މަރުކަޒުގައި މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ވެސް ހިމެނެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށެވެ. އެގޮތުން، ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިމި، ރަމަޟާން މަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތަކެއް ވެސް ހިމެނޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެ ސަރަޙައްދުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ޑިސެންބަރު މަހު ފެށިގެންދާނެ ކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެއްބައިވަންތަކަން ޤާއިމުކޮށް، އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސްގެ ދުޢާއަކީ މާތް ﷲ މި މަސައްކަތުގައި އެންމެންނަށް ތައުފީޤު ދެއްވުމެވެ.
މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ނިންމައި، މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވިގެން ދިޔަ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި…
— Dr Mohamed Muizzu (@MMuizzu) November 28, 2025