ޚަބަރު
ރައީސް ނަޝީދު އަވަހާރަކޮށްލަން އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް އައީ 2021 ވަނަ އަހަރު މީސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ނަޝީދަށް އިންޒާރު ދިނުމާ ގުޅިގެންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި ހުކުމް އައީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި މައްސަލަ ތަހުގީގުކޮށް ކޯޓަށް ހުށަހެޅުމަށްފަހު، ފުލުހުންގެ ތަހުގީގާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާއާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ.
ޕީޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި، އިސްމާއިލް ޔާފިސްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމަށް އިންޒާރު ދިނުމާއި، އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ.
ކޯޓުން އިއްވި ހުކުމްގައި، މި ތިން ދައުވާއަށް ވަކިވަކިން އަދަބު ކަނޑައަޅާފައިވެއެވެ. އެގޮތުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއަށް ދެ އަހަރުގެ ޖަލު ހުކުމެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާއަށް ތިން އަހަރުގެ ޖަލު ހުކުމެއް، އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވެއެވެ. މި ހުކުމްތައް އެއްކޮށްލުމުން ޖުމްލަ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.