ދުނިޔެ

ޣައްޒާގައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރެވޭވަރަށް އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ގުތުރޭޝް ގޮވާލައްވައިފި

ޣައްޒާގައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރެވޭވަރަށް އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ގުތުރޭޝް ގޮވާލައްވައިފި

އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތޭރޭޝް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ނޮވެމްބަރު 2025، 02:18

30 ނޮވެމްބަރު 2025، 02:18

 ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތޭރޭޝް ގޮވާލައްވައިފިއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެކު ބައިނަލްއަޤްވާމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.

މި ދުވަސް އ.ދ. އިން ކަނޑައެޅުއްވީ 1977 ވަނަ އަހަރު، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ބައިނަލްއަޤްވާމީ އެއްބާރުލުން ދެއްކުމަށެވެ. މީގެ ތެރޭގައި އެންމެ މުހިންމު ޙައްޤުތަކަކީ އަމިއްލަ ނިންމުން ނިންމުމުގެ ޙައްޤު، ޤައުމީ މިނިވަންކަމާއި ސިޔާދަތު، އަދި 1948 ވަނަ އަހަރު ހިޖުރަކުރަން މަޖުބޫރުވި ގެތަކަށް އަނބުރާ ދިޔުމުގެ ޙައްޤު ހިމެނެއެވެ. އ.ދ. ގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްގައި ޝާއިޢުކުރި މި މެސެޖުގައި ގުތޭރޭޝް ވިދާޅުވީ، މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް އައިސްފައިމިވަނީ ޣައްޒާގައި ދެ އަހަރު ދުވަހުގެ ނުތަނަވަސްކަމަށް ފަހުގައި ކަމަށެވެ.

ގުތޭރޭޝް އިތުރަށް ވިދާޅުވީ، މިހާރު ސަލާމަތުން ތިބި މީހުން ތިބީ އެތައް ބައިވަރު އެކުވެރިންނާއި ގާތްތިމާގެ މީހުން ގެއްލިގެން ދިޔުމުގެ ހިތާމައިގައި ކަމަށާއި، އޭގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ. އަދި އެތައްހާސް މީހުން ޒަޚަމްވެފައިވާ އިރު، ޣައްޒާގައި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާއި ނަފްސާނީ ގެއްލުންތައް ފެތުރި، ހަލާކުވެފައިވާ ސްކޫލްތަކާއި ގެތަކާއި ހޮސްޕިޓަލްތަކުގެ ފަސްގަނޑު ފެންނަން އެބަހުރި ކަމަށެވެ. 

އެމަނިކުފާނު ތަކުރާރުކުރެއްވީ، "ޣައްޒާއަށް ފުރާނަ ސަލާމަތްކުރެވޭ ވަރަށް އެކަށީގެންވާ މިންވަރަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދޭންޖެހޭ" ކަމަށެވެ.

އިސްލާމިކް ރެސިސްޓަންސް މޫވްމަންޓް (ޙަމާސް) އާއި އިޒްރޭލާ ދެމެދު އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޣައްޒާއަށް ދުވާލަކު 600 ޓްރަކް އެހީގެ ސާމާނު ވެއްދުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އިޒްރޭލުން މި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށާއި، އެންމެ ގިނަވެގެން ދުވާލަކު 200 ޓްރަކް ވައްދަން އެކަނި ހުއްދަ ދެމުންދާކަމަށް ވެއެވެ.

ގުތޭރޭޝްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމާއި މަސައްކަތްކުރުމުގެ އ.ދ. ގެ އެޖެންސީ (އޫންރާ) އަށް ވަރުގަދަ އެއްބާރުލުމެއް ދެމުން ގެންދަންޖެހޭ ކަމަށާއި، އެއީ މިލިއަނުން ގިނަ ފަލަސްތީނު މީހުންނަށް ދިރިއުޅުމުގެ މުހިންމު ވަސީލަތެއް ކަމަށެވެ. 

އެމަނިކުފާނު ފާހަގަކުރެއްވީ، މި ހިތާމަވެރިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢު ޖީލުތަކެއް ވަންދެން ބިނާކޮށްފައިވާ މިންގަނޑުތަކާއި ޤާނޫނުތައް ވަނީ އިމްތިޙާނަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. "މިހާ ގިނަ ޢަދަދެއްގެ އާންމުން ޝަހީދުކޮށްލުމާއި، މުޅި އާބާދީ ތަކުރާރުކޮށް ހިޖުރަކުރުވުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުމަކީ އެއްވެސް ޙާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވިއެވެ.

ގުތޭރޭޝް ވިދާޅުވީ، އެންމެ ފަހުން ޤާއިމުކުރެވުނު ހަނގުރާމަ ހުއްޓާލުމަކީ އުއްމީދުގެ ކިތަންމެ ކުޑަ ނަމަވެސް އަލިކަމެއް ކަމަށާއި، މިހާރު އެންމެ މުހިންމީ ހުރިހާ ފަރާތްތަކުން އެއްބަސްވުމަށް ފުރިހަމައަށް އިޙްތިރާމްކޮށް، ބައިނަލްއަޤްވާމީ ޤާނޫނު ދަމަހައްޓާނެ ހައްލުތަކަކަށް ވާސިލްވުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުން ކަމަށެވެ. 

އެމަނިކުފާނު ފާހަގަކުރެއްވީ، އިރުމަތީ ޤުދުސް ވެސް ހިމެނޭ ގޮތަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތަކާއި، ވަޒަންވެރިންގެ ހަމަނުޖެހުންތަކާއި، ވަޒަންވެރިވުން ފުޅާކުރުމާއި، ގޭގެ ހުސްކުރުމާއި ތަޅާލުމުގެ ޢަމަލުތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ގުތޭރޭޝް ވަނީ ފަލަސްތީނުގެ ބިމަށް ޤާނޫނާ ޚިލާފަށް އަޅާފައިވާ ޢަސްކަރީ ބާރު ނިމުމަކަށް ގެނައުމަށް އަލުން ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓާއި އ.ދ. ގެ ޢާންމު މަޖިލީހުން ވެސް ތަކުރާރުކޮށް ގޮވާލާފައިވާ ގޮތަށް، ދެ ދައުލަތުގެ ހައްލަކަށް ނުފުށުއެރޭނެ ފަދަ ކުރިއެރުމެއް ހޯދުމަށް ގޮވާލައްވާފައެވެ. އެއީ 1967 ވަނަ އަހަރާ ކުރީގެ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިޒްރޭލާއި ފަލަސްތީނު އެކަކު އަނެކަކާ އެކު އަމާންކަމާއި ސަލާމަތުގެ ތެރޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމަށާއި، ޤުދުސް ދެ ދައުލަތުގެ ވެރިރަށަކަށް ހެދުމަށެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި އިޒްރޭލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ދެ އަހަރު ދުވަހުގެ ތެރޭގައި 69،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، ގާތްގަނޑަކަށް 171،000 މީހުން ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އ.ދ. އިން ލަފާކުރާ ގޮތުގައި އަލުން ބިނާކުރުމަށް 70 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. މީގެ އިތުރުން އިޒްރޭލުގެ ޢަސްކަރިއްޔާ އާއި ވަޒަންވެރިން ދެ އަހަރު ވަންދެން ހުޅަނގު އައްސޭރީގައި ވެސް ހަމަލާތަކާއި ނުތަނަވަސްކަން އިތުރުކުރަމުންދާއިރު، އެތަނުން 1،085 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، 11،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، 21،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450