ޚަބަރު
ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރާ ފްލެޓުތައް ދައުލަތަށް ނަގާނަން - ވަޒީރު އިޙްސާން
ދާޚިލީ ވަޒިރު އިޙްސާން. ފޮޓޯ: ވުޒާރާ
ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ފްލެޓްތައް ކުށްތަކަށް އަރައިގަންނަ އައްޑާއެއްގެ ގޮތުގައި ބޭނުންކުރާނަމަ އެތަންތަން ދައުލަތަށް ނަގާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ މީހަކު ރަޙީނުކުރި މައްސަލައަކާއި ގުޅިގެން އެމީހާ ސަލާމަތްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވަނީ ގޭންގުތަކުން ކުރާ މިފަދަ ކުށްތައް ހުއްޓާލުމަށް ގޭންގުތަކަށް ގޮވައިލައިފައެވެ. އަދި އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި މެދު ޤާނޫނުގެ ދާއިރާއިން އެޅެން އޮތް އެންމެ ހަރުކަށިފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
ޤަވާއިދާ ޤާނޫނުތަކާ ޚިލާފަށް ގޭންގުތައް ހަދައިގެން ކުށްކުރަމުންދާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން މިކަންކަން ހުއްޓާލަން. ކުދިންގެ މުސްތަޤުބަލް ހަލާކުނުކޮށް، މިފަދަ ކަންކަމުގެ ތެރެއަށް ނުވަދެ، ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ޒުވާނުންގެ ގޮތުގައި މިކަމުން ނެއްޓިގެން އަވަހަށް ހެޔޮ މަގަށް އެޅުމަށް އަޅުގަނޑު ނަސޭހަތްތެރިވަން
ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ބައެއް ފުލެޓުތަކާއި އެ ނޫންވެސް ތަންތަން ތަކުރާރުކޮށް ކުށްކުރާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި،މިފަދަ ތަންތަނުގެ ވެރިންނާ ވާހަކަދައްކަވާނެ ކަމަށާއި، އަދި ތަކުރާރުކޮށް މިފަދަ ކަންކަން ފެންނަކަމަށް ވަނީނަމަ ޤާނޫނުގެ ތެރެއިން މިފަދަ ތަންތަން ދައުލަތަށް އަނބުރާ ނެގެން އޮތްނަމަ އެގޮތައް ކަންތައް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިހާރުވެސް ބައެއް ފުލެޓް ތަކަކީ ކުށްކުރާ މީހުންގެ ހާއްޔަކަށް ބޭނުންކޮށްގެން އުޅޭ ތަންތަންކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
އެހެންކަމުން، މިއަދުން ފެށިގެން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު އެ ފުލެޓުތަކުގެ ވެރިންނާ ވާހަކަދެއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށާ އަދި ކުށްކުރުމުގެ މާހައުލަށް އެތަންތަން ތަކުރާރުކޮށް ހުޅުވާލާފައި އޮންނަނަމަ އެ ތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތެއް ހޯދާނެ ކަމަށެވެ. އަދި ގޭންގު ޤާނޫނަށް ހުށަހަޅަން ނިންމަވާފައިވާ އިސްލާހް ތަކުގެ ތެރޭގައި އެކަންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ހިޔާ ފުލެޓް ސަރަހައްދަކީވެސް ގިނަ ޢަދަދެއްގެ މީހުން އުޅެމުންދާ ސަރަހައްދެއް ކަމަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ކަންކަން ފަށާފައިވާ ކަމަށެވެ. އެގޮތުން ކެމެރާ ހަރުކުރުމާއި ފުލުހުންގެ އޮޮަޕަރޭޝަން ސެންޓަރު ތަކުން އެ ކެމެރާތައް ބެލޭނެ އިންތިޒާމް ހަމަޖައްސަވަމުންދާކަމަށް ވިދާޅުވިއެވެ.