ދުނިޔެ
ސްޓޮކްޓަންގައި އުފަންދުވަހުގެ ހަފްލާއެއްގައި ބަޑިޖަހައި ހަތަރު މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެ
ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން ހަރަކާތެެރިވަނީ
ހުލާސާ
އުތުރު ކެލިފޯނިއާގެ ސްޓޮކްޓަންގައި އާއިލީ އެއްވުމެއްގެ ތެރޭގައި ބަޑިޖެހުމުގެ ހާދިސާއެއްގައި މަދުވެގެން ހަތަރު މީހުން މަރުވެ، 10 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ކުއްޖެއްގެ އުފަންދުވަހުގެ ހަފްލާއެއްގެ ތެރޭގައި ކަމަށް ސްޓޮކްޓަންގެ ނައިބު މޭޔަރު ޖޭސަން ލީ ވަނީ ހޮނިހިރު ދުވަހުގެ ރޭ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައެވެ.
ޖޭސަން ލީ ވިދާޅުވީ، “މިކަމާ ގުޅިގެން ހިނގާފައިވާ ކަންތައްތައް އެނގުމަށްޓަކައި އަޅުގަނޑު މިހާރު ވެސް މުވައްޒަފުންނާއި އާންމު ސަލާމަތީ އޮފިޝަލުންނާ ގުޅައިގެން މަސައްކަތް ކުރަމުން މިދަނީ. އަދި މިކަމުގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރާނަން.” ކަމަށެވެ.
ސެން ޖޯކިން ކައުންޓީ ޝެރިފްގެ އޮފީހުގެ ތަރުޖަމާނު ހެދަރ ބްރެންޓް ވިދާޅުވީ، މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނޭ ކަމަށެވެ. ބަޑިޖެހުން ހިނގާފައިވަނީ އެހެން ވިޔަފާރިތަކާ އެކު ޕާކިން ޒޯނެއް ހިއްސާކުރާ ބެންކުއެޓް ހޯލެއްގެ ތެރޭގައެވެ.
ސެން ޖޯކިން ކައުންޓީ ޝެރިފްގެ އޮފީހުން އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، “މިވަގުތު ޔަގީންކޮށްދެވޭ ގޮތުގައި ޖުމްލަ 14 މީހަކަށް ވަނީ ބަޑީގެ ހަމަލާ ދީފައި. އަދި ހަތަރު މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފައި. މިއީ ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ތަހުގީގެއް، އަދި މައުލޫމާތު ވަރަށް މަދު. ކުރިން ލިބޭ މައުލޫމާތުތަކުން ދޭހަވަނީ މިއީ ވަކި ބަޔަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށް. އަދި ތަހުގީގު ކުރާ ފަރާތްތަކުން ދަނީ ހުރިހާ ފުރުސަތެއް ބަލަމުން.” ކަމަށެވެ.
ފުލުހުން ބުނީ، ސްޓޮކްޓަންގެ ލޫސައިލް އެވެނިއު 1900 ބްލޮކް ކައިރީގައި ބަޑިޖަހާފައިވާ ކަމުގެ ރިޕޯޓު ލިބުނީ ހަވީރު 6:00 ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށެވެ. ހަމަލާދިން މީހާގެ ވަނަވަރާއި، ހަމަލާ ދިނުމުގެ މަގްސަދާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. އަދި ސަލާމަތްވި މީހުންގެ އަނިޔާގެ ހާލަތާ ބެހޭ މައުލޫމާތެއް ވެސް އަދި ދީފައެއް ނުވެއެވެ.
ގަވަރުނަރު ގޭވިން ނިއުސަމްގެ އޮފީހުން ބުނީ، ސްޓޮކްޓަންގައި ހިނގި “ބިރުވެރި ބަޑިޖެހުމުގެ” ހާދިސާއާ ބެހޭ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށާއި، މިކަމާ ގުޅިގެން ކުރިއަށްދާ ކަންކަން ގާތުން ބަލަމުންދާނެ ކަމަށެވެ.