ޚަބަރު
ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި
ވިލިމާލޭގައި ކުރިޔަށް ގެންދިޔަ 500 ގަސް އިންދުމުގެ ހަރަކާތް / ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ފަރުދުން
01 ޑިސެމްބަރު 2025، 07:24
01 ޑިސެމްބަރު 2025، 07:24
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އާދީއްތަ ދުވަހު ބާއްވައިފިއެވެ. މިއީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދިޔަ ހަރަކާތެއްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވިލިމާލޭގެ ގުދުރަތީ ވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމެވެ.
ވިލިމާލޭގައި ކުރިޔަށްގެންދިޔަ މި ހަރަކާތުގައި ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ މެމްބަރު މުޙައްމަދު އިސްމާޢީލް ބައިވެރިވެވަޑައިގަތެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި އެހެނިހެން ފަރާތްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވެ ގަސް އިންދާފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން ވިލިމާލޭގައި އިންދި 500 ގަހުގެ ތެރޭގައި 100 ދިވެހި ރުކާއި 100 އަށް ވުރެ ގިނަ ހައިވަކަރު ގަސް ހިމެނެއެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެއެވެ. ހައިވަކަރަކީ ރާއްޖޭގައި ވަރަށް މަދުން ހެދޭ ބާވަތެއްގެ ގަހެއްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ މަޝަރޫޢު އަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އާލާކުރުމާއި ރަށްތަކުގެ ފެހިކަން އިތުރުކޮށް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢު ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ 5 ޖޫން 2024 ގައި އެ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 827،329 ގަސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންދިފައެވެ.
އަދި މި މަޝަރޫޢުގެ ދަށުން މިހާރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން 2 ހައިވަކަރު ގަސް އިންދާފައެވެ.
ވިލިމާލޭގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައި މިވަނީ، އެ ރަށުގައި ހުރި ގިނަ ދުވަސްވީ ދެ ނިކަގަހާ ހެދި ގިނަ ބަޔަކަށް އުނދަގޫވަމުން ދިއުމާ ގުޅިގެން، އެ ދެ ގަސް ނެގުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ.