ޚަބަރު
ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމުގެ މައްސަލަ ކޮމިޓީއަށް ހުށައަޅައިފި
ޤާޟީ ފާއިޒު ރަޝާދު
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ރިޔާސަތުން ނިންމެވީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ.
ޤާޟީ ފާއިޒު ރަޝާދު މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ހުށައެޅުއްވީ، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙުޤީޤަށްފަހުއެވެ. ޖޭއެސްސީން ފާހަގަކުރައްވާފައިވާ ގޮތުގައި، ޤާޟީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ ޢަމަލެއް ޤާޟީ ފާއިޒު ކޮށްފައިވާކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީގެ ސިޓީގައިވެއެވެ.
މި މައްސަލައިގައި، ޤާޟީ ފާއިޒު ރަޝާދުގެ އަމުރަށް ބަންދުން ދޫކޮށްލި ޢަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެ ކުރިން 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި 5 ދުވަހަށް ބަންދުކުރުމަށް އަމުރުކުރުމަށްފަހު، މުއްދަތު ހަމަވެގެން ކޯޓަށް ޙާޟިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލާފައިވަނީ ޤާޟީ ފާއިޒުގެ އަމުރަށެވެ.
ޤާޟީ ޙުސައިން ފާއިޒު ރަޝާދާ ގުޅޭގޮތުން ޖޭއެސްސީއަށް ދެ މައްސަލައެއް ހުށައެޅުނުއިރު، އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު ސަސްޕެންޑްކޮށްފައެވެ. އެނގިފައިވާ ގޮތުގައި ދެވަނަ މައްސަލައަކީ، މަރުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާއި މެދު ޢަމަލުކުރި ގޮތާއި ގުޅޭ މައްސަލައެކެވެ. މި މައްސަލަތަކާ ގުޅިގެން ޤާޟީ ފާއިޒު ސަސްޕެންޑް ކުރީ، ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހަށެވެ. މީގެ ކުރިން 2021 ވަނަ އަހަރުވެސް އޯޑިއޯއެއް ލީކުވި މައްސަލައަކާ ގުޅިގެން ޤާޟީ ފާއިޒު ރަޝާދު ވަނީ 2 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން، ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ، ޖޭއެސްސީއަށް އެމީހަކު މަޤާމަށް ޤާބިލު ނޫންކަމަށް ނުވަތަ މަޤާމަށް އެކަށީގެންނުވާ ފަދަ ޢަމަލެއް ކޮށްފައިވާކަމަށް ޤަބޫލުކުރެވިގެން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. މިހާރު މި މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، ކޮމިޓީގެ ދިރާސާއަށްފަހު މަޖިލީހުގެ ތަޅުމަށް ވޯޓަށް އެ މައްސަލަ ހުށައެޅޭނެއެވެ.