ޚަބަރު
މިއަހަރު 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގިފައިވޭ: ވަޒީރު ޝަހީމް
އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ބޭއްވުނު ޕްރޮގްރާމެއްގެ ނިމުން
އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން މިއަހަރު 738 އިމާމުންނަށް ތަމްރީންދީފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށާއި، މާލެ ސަރަޙައްދުގެ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު މިހާރު ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޖުމުލަ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ. މީގެ އިތުރުން، އިމާމުންގެ ޢިލްމީ ފެންވަރު މަތިކުރުމަށްޓަކައި ބޭރުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.
އެގޮތުން، ވަޒީރު ވިދާޅުވީ އަންނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިޞްރަށް ފޮނުވޭނެކަމަށާއި، ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ދިއުމުގެ ފުރުޞަތުވެސް އިމާމުންނަށް ފަހިކޮށްދެވޭނެ ކަމަށެވެ. މިދިޔަ އަހަރު ވެސް ސަޢުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާއިން ޖުމުލަ 100 އަށްވުރެ ގިނަ ފުރުޞަތުގައި އިމާމުން ބޭރަށް ފޮނުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިމާމުން ތާޒާކުރުމުގެ މި ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަޙައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ޖުމުލަ 9 މާއްދާއެއް ހިމަނާފައިވެއެވެ. އެގޮތުން ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން އުނގަންނައިދެއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުން އުޅޭއިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ހުރިހާ ދާއިމީ އިމާމުން ތަމްރީންކޮށް ނިންމުމެވެ. މި ޕްރޮގްރާމްގެ ސަބަބުން އިމާމުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދީނީ ކަންކަމުގައި ރައްޔިތުންނަށް ދެވޭ އިރުޝާދުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.