ޚަބަރު
ކައުންސިލް އިންތިޚާބަށް ޕީއެންސީގެ ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ޕީއެންސީގެ އެއްވުމެގެ ތެރެއިން
ހުލާސާ
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށެވެ.
ޕީއެންސީން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުޤުވެރިވާ މެންބަރުންނަށް ވަނީ ކުރިމަތިލުމުގެ ފުރުސަތު ދީފައެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާފައިވާ މަޤާމްތަކުގެ ތެރޭގައި ސިޓީ މޭޔަރު، ސިޓީ ކައުންސިލް މެންބަރު، ސިޓީ ކައުންސިލް އަންހެން މެންބަރު، ރަށު ކައުންސިލްގެ ރައީސް އަދި ރަށު ކައުންސިލްގެ މެންބަރު ހިމެނެއެވެ.
މީގެ އިތުރުން ސިޓީ އަދި ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އާއި މެންބަރުންގެ މަޤާމުތަކަށް ވެސް ކުރިމަތިލެވޭނެއެވެ.
ޕީއެންސީން ވަނީ މި މަޤާމުތަކަށް ވާދަކުރާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ހަތަރު ޝަރުތެއް ކަނޑައަޅާފައެވެ. އެންމެ ފުރަތަމަ ޝަރުތަކީ، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ގާނޫނުތަކާއި ގަވައިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުތުތައް ފުރިހަމަވެފައިވުމެވެ. ދެވަނަ ޝަރުތަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލާފައިވާ ޕީއެންސީގެ ދަފްތަރުގައި ހިމެނޭ ފަރާތަކަށްވުން ނުވަތަ ޕާޓީގެ މެންބަރަކަށް ވުމަށް އެދި އީސީއަށް ހުށަހަޅާފައިވާ ފަރާތަކަށް ވުމެވެ.
ތިންވަނަ ޝަރުތަކީ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް ފުރިހަމަކުރުމެވެ. ހަތަރުވަނަ ޝަރުތަކީ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ވަކި އަދަދަކަށް މެންބަރުން އިތުރުކޮށް އެ ފަރާތްތަކުގެ މައުލޫމާތު ހުށަހެޅުމެވެ. މި ޝަރުތުތަކާއެކު، ޕީއެންސީގެ އާންމު މެންބަރުންނަށް މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.