ޚަބަރު
ހުޅުމާލޭގައި ހަށިވިއްކަމުން ދިޔަ ތަނެއް ބަލައިފާސްކޮށް 5 މީހުން ހައްޔަރުކޮށްފި
ހައްޔަރުކުރި މީހުން/ފޮޓޯ: ފުލުހުން
ހުޅުމާލޭގައި ހަށިވިއްކަމުން ދިޔަ ތަނެއް ބަލައިފާސްކޮށް 5 މީހުން ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ. އަދި މި 5 މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އެގޮތުން، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާރޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް 3 އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.