ޚަބަރު
މުލީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
ނައްތާލި ބަނގުރާތައް/ފޮޓޯ: ފުލުހުން
މ. މުލީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިތަކެތި ނައްތާލާފައިވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި މި ބަނގުރާތައް ނައްތާލާފައިވަނީ މުލީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މ. މުލީ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 19 ފުޅި ބަނގުރަލާއި 30 ދަޅު ބަނގުރާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.