ޚަބަރު
ފޯޅަވަހި މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ކޮމިޝަނެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---
ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތުން ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެކަން ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.
މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާނުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނުގެ ނަމަކީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ކަމަށެވެ.
މި ކޮމިޝަން އުފައްދަވަން ނިންމެވީ، މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ "Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean" މައްސަލަ ދިރާސާކޮށް، ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެންނެވެ. އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ އޭރު ދިވެހިރާއްޖެއިން ކަންކުރި ގޮތުގެ ސަބަބުންނެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ، މި މައްސަލަ ފުރިހަމައަށް ބައްލަވައި ފިޔަވަޅު އެޅުއްވުމަކީ ކޮމިޝަން އުފެއްދެވި މައިގަނޑު ބޭނުމެވެ.
7 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ.
ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
- އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
- ޑރ. އާމިނަތު ޝާފިޔާ އާދަމް
- ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
- ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ޞާދިޤް
- އަލްފާޟިލް އަޙްމަދު ޢަލީމަނިކު
- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ، އިޓްލޮސްގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މައްސަލަ ކުރިއަށްދިޔައިރު ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައްޔާއި، މިކަމާ ގުޅުންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ބާރުތައް ލިބިގެންވީ ފަރާތްތަކުން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމެވެ. މީގެއިތުރުން އެ ފަރާތްތަކުގެ އެއްވެސް ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލުވި ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ފެންނަ ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.
ހަމައެއާއެކު، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ތަޙުޤީޤުކުރުމާއި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް ލަފާދިނުންވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.