ޚަބަރު
ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ރާއްޖޭގައި ފަށައިފި
ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް. ފޮޓޯ: އެމްއެންޔޫ
ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ރާއްޖޭގައި ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ސާކް ސަރަޙައްދުގެ ޤައުމުތަކުންނާއި ރާއްޖެއިން ޖުމްލަ 250 އެއްހާ މަންދޫބުންނާއި ތަޖުރިބާކާރުން ބައިވެރިވެއެވެ. މިއީ ސައިކިއޭޓްރިކް އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކަމާގުޅުންހުރި ފަންނީ ތަޖުރިބާކާރުން އެއްތަންވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ދުޅަހެޔޮކަމާއި ސައިކިއޭޓްރިކް ދާއިރާއިން ސާކްގެ ޤައުމުތަކުގެ މެދުގައި ޢިލްމު ޙިއްޞާކުރުމާއި، ތަޖުރިބާ ބަދަލުކުރުމުގެ އިތުރުން، ސަރަޙައްދީ ފެންވަރުގައި މި ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތްތަކެއް ކަނޑައެޅުމެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ އެކިއެކި މުހިންމު މަޢުޟޫޢުތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ކަރުދާސް ހުށަހަޅައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ސާކް ސައިކިއޭޓްރިކް ފެޑެރޭޝަނަކީ ދެކުނު އޭޝިއާގެ 8 ޤައުމު ހިމެނޭ ޖަމްޢިއްޔާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.