ޚަބަރު
މިފްކޯގެ އަހަރީ ދުވަހާ ގުޅިގެން މިއަދު މަސް ގަންނަ އަގު 23 ރުފިޔާއަށް
މަސްވެރިން މަސައްކަތުގައި ހަރަކާތްތެރިވަނީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ 33 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، މިއަދު އެ ކުންފުނިން ކަޅުބިލަމަސް ކިލޯއެއް 23 ރުފިޔާއަށް ގަތުމަށް ނިންމައިފިއެވެ.
މިފްކޯއިން މިއަދު ކަޅުބިލަމަސް ކިލޯއެއް 23 ރުފިޔާއަށް ގަންނައިރު، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނާނީ 20 ރުފިޔާއަށެވެ. އަދި 25 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަތުމަށް ހަމަޖެހިފައިވަނީ 25 ރުފިޔާއަށެވެ.
މިއަދު މިފްކޯއިން މަސް ގަތުމަށް ހަމަޖެހިފައިވާ ބަނދަރުތައް:
- ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
- ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
- އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް
- ތ. ހިރިލަންދޫ ބަނދަރު
- ގދ. ތިނަދޫ ބަނދަރު
- މ. މުލަކު ބަނދަރު
- ހއ. އިހަވަންދޫ ބަނދަރު
މިފްކޯ އުފައްދާފައި ވަނީ 1 ނޮވެމްބަރު 1993 ގައެވެ. ފާއިތުވި 33 އަހަރުގެ ތެރޭގައި އެ ކުންފުނި ވެފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ މައި ތަނބަށެވެ. އެގޮތުން މަސްވެރިން ބާނާ މަސް ގަނެ، ޕްރޮސެސްކޮށް ބޭރުގެ މާކެޓްތަކަށާއި ރާއްޖޭގެ ބާޒާރަށް ނެރުމުގެ އިތުރުން މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގައި މިފްކޯއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.