ޚަބަރު
ބައްޔަށް ފަރުވާ ހޯދުމުގައި އެހީތެރިކަމަށް އެދުމަކީ ހިތްވަރުގަދަކަން ކަމުގައި ދެކެންޖެހޭ: މެޑަމް ސާޖިދާ
ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފޯސް
ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި އެހީތެރިކަމަށް އެދުމަކީ ބަލިކަށިކަމެއް ނޫން ކަމަށާއި، އެއީ ހިތްވަރުގަދަކަން ކަމުގައި ދެކެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސާކް ސައިކިއޭޓްރިކް ފެޑަރޭޝަނުގެ 16 ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމާ ނުލައި ހަގީގީ މާނައިގައި ދުޅަހެޔޮ މުޖުތަމައެއް ބިނާނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޖިސްމާނީ ސިއްހަތަށް ދޭ ސަމާލުކަމާ އެއްމިންވަރެއްގެ ސަމާލުކަމެއް ނަފުސާނީ ސިއްހަތަށްވެސް ދިނުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ނަފުސާނީ ސިއްހަތަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމަތާއި، ދޭދޭ ފަރުދުންގެ ގުޅުމާއި، މުޖުތަމައުގެ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
ސާކް ސަރަހައްދުގައި ނަފުސާނީ ގޮންޖެހުންތައް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، އެ އުނދަގޫތައް ތަހައްމަލުކުރާ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ ބަލިމަޑުކަމަށްވުރެ ބޮޑަށް، އެކަމުގެ ވަށައިގެންވާ ހަމަހިމޭންކަމާއި، މުޖުތަމައުން ބޭއިންސާފުން ނިންމާ ނިންމުންތަކާއި، އެކަންކަމުގެ ސަބަބުން ފަރުވާ ހޯދަން ޖެހިލުންވާ ޖެހިލުންވުން ކަމަށެވެ.
"ބައްޔަށް ފަރުވާ ހޯދުމުގައި އެހީތެރިކަމަށް އެދުމަކީ ބަލިކަށިކަމެއް ނޫންކަމަށް ބަލައި އެއީ ހިތްވަރުގަދަކަން ކަމުގައި ދެކެންޖެހޭ. އަދި މިފަދަ ކަންކަމާ ގުޅިގެން އިހާނަތިކޮށް ހިތުމުގެ ބަދަލުގައި އޯގާތެރިކަމާއި ފަހުމުވުން އިތުރުވާންޖެހޭ،"
ފަސްޓް ލޭޑީ މެޑަމް ސާޖިދާ
އަމިއްލަފުޅަށްވެސް މަންމައެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ޒުވާނުންނާއި ކުޑަކުދިންގެ އާތިފީ އަދި ނަފުސާނީ ދުޅަހެޔޮކަމާމެދު ހާއްސަކޮށް ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އެގޮތުން، ކުރިއާލާ ނުތަނަވަސްކަމުގެ އަލާމާތްތައް ދެނެގަނެ، އޯގާތެރިކަމާއި ވިސްނުންތެރިކަމާއެކު އެކުދިންގެ ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުދިން ވިލުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ފެށެނީ ގޭތެރެއިން ކަމަށާއި، އޭގެ ފަހުން ސްކޫލުތަކާއި މުޅި މުޖުތަމައަށް އެ ޒިންމާ ފެތުރިގެންދާކަން ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ގައުމީ ސިއްހީ އެޖެންޑާގައި ކުރިން ނަފުސާނީ ސިއްހަތަށް ދީފައި ނުވާފަދަ ބޮޑު ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރައްވައި، 2025 އިން 2029 އަށް އަމަލުކުރާނެ ނަފުސާނީ ސިއްހަތުގެ އަމަލީ ޕްލޭނެއް އެކުލަވާލާފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ. އެ ޕްލޭނުގައި ފަރުވާ ހޯދަން ހިތްވަރު ދިނުމަށާއި، އިޖުތިމާއީ ނުރުހުން ފިލުވައިލުމަށާއި، ފަރުވާގެ ނިޒާމުގައި ހުރި އުނިކަންކަން އިސްލާހުކުރުމަށް އިސްކަންދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ފަސްޓް ލޭޑީ ވަނީ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސައިކިއޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ނަރުހުންގެ އިތުރުން ސޯޝަލް ވޯކަރުންނާއި އުނގަންނައިދޭ ފަރާތްތަކުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.