ޚަބަރު
ބ. ތުޅާދޫ ކަލްޗަރަލް ސެންޓަރު: މައި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދަނީ
ތުޅާދޫ ސަޤާފީ މަރުކަޒިގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ބ. ތުޅާދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ދެ ބުރީގެ ކަލްޗަރަލް ސެންޓަރުގެ މައި ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ވިދާޅުވީ، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދަނީ މައި ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ. މީގެއިތުރުން އެކޮމޮޑޭޝަން ބްލޮކްގެ ސްލެބް ކާސްޓިންގ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
އަދި މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ރެސްޓޯރެންޓް ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު އެއްކޮށް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
Project Update: Two Storey Cultural Centre at B Thulhaadhoo Main building column casting works are currently ongoing at the project site. Accommodation block slab casting works have commenced, and restaurant building column casting works have been completed. Follow more updates at: https://t.co/gj1h168wwY #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) November 1, 2026
މި މަޝްރޫއަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 420 ދުވަސްތެރޭ ނިންމާގޮތަށެވެ. އަދި ހަވާލުކޮށްފައިވަނި 24.4 މިލިޔަން ރުފިޔާއަށެވެ.
މި ސަގާފީ މަރުކަޒުގެ މަސައްކަތް ފުރިހަމަވުމާއެކު، ދިވެހި ސަގާފީ ފަންނުތައް ކަމުގައިވާ ލިޔެލާޖެހުމާއި، ތަފާތު އަތްތެރި މަސައްކަތްތަކުގެ އިތުރުން ވިޔުމާއި ވަޑާމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގޭނެއެވެ. މީގެއިތުރުން، މި މަރުކަޒުގައި ކެފޭއެއްގެ ޚިދުމަތާއި އަރާމުކޮށްލެވޭނެ ހިތްގައިމު ސަރަޙައްދެއް ހިމެނޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މި މަސައްކަތަކީ، ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއްކަން އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރިއެވެ.