ޚަބަރު
"ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ"ގެ ދެވަނަ ފިޔަވައްސަށް ކުރިމަތިލުމަށް ހުޅުވާލައިފި
ޔޫތު އެންޓްރަޕްރިނިއަރޝިޕް އެކްސްޕޯގެ ތެރެއިން ފޮޓޯ: ޕީއެސްއެމް
ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީގެ ދެވަނަ ފިޔަވައްސަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ މި ފެސިލިޓީ ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ފެސިލިޓީގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ މާލީ އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
The second phase of the Youth Entrepreneurship Financing is now open for applications! 🙌 Apply here: https://t.co/7y9eH4Q8r0 https://t.co/SnYjbNSIQG
— Bank of Maldives (@bankofmaldives) November 1, 2026
"ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" އަކީ، ވިޔަފާރި އުފެއްދުމާއި، އީޖާދީ ވިސްނުންތަކާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި ބީއެމްއެލްއާއި ގުޅިގެން ތަޢާރަފުކޮށްފައިވާ އިނިޝިއޭޓިވްއެކެވެ.
މި އިނީޝިއޭޓިވްގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ލިބޭނީ އެންމެ ފައިނޭންސިންގ ފެސިލިޓީއެކެވެ. މީގެ އިތުރުން، ފައިނޭންސިންގ ހަމަޖެހުމުން ފައިސާ ދޫކުރުމުގެ ކުރިން، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް (ސޯލް ޕްރޮޕްރައިޓަރޝިޕް) ރަޖިސްޓްރީ ކުރަންޖެހެއެވެ. ބީއެމްއެލްގައި އިސްލާމިކް ބިޒްނަސް އެކައުންޓެއް ހުޅުވުމަކީ ވެސް ފައިސާ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.