ޚަބަރު
މުލީ ފިޓްނަސް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ، މިހާރު ކުރިއަށްދަނީ ސީލިންގ އެޅުން
މުލީ ފިޓްނަސް ސެންޓަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
މ. މުލީގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ޖުމްލަ މަސައްކަތުގެ 58 އިންސައްތަ ނިމި، އިމާރާތުގެ އެތެރޭގެ ސީލިންގ އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު އޮނިގަނޑުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އެގޮތުން އިމާރާތުގެ ފައުންޑޭޝަން ފުޓިންގް އަދި ބެކްފިލިންގ މަސައްކަތްތަކާއި، ލީން ކޮންކްރީޓާއި ޓައި ބީމް އެޅުމުގެ އިތުރުން، ކޮލަމް ކާސްޓިންގ އަދި ފުރާޅުގެ ޓްރަސް ހަރުކުރުމުގެ މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ފިނިޝިންގ މަރުޙަލާގެ ދަށުން ސީލިންގ ހަރުކުރުމުގެ މަސައްކަތެވެ.

މުލީގައި ޤާއިމުކުރާ މި މަރުކަޒަކީ ރަށުގެ ރައްޔިތުންނާއި ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބާރުއެޅުމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބިނާކުރާ ތަނެކެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޒަމާނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ މަޝްރޫޢުގެ ބައެކެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 119 އަށްވުރެ ގިނަ ރަށުގައި މިފަދަ މަރުކަޒުތައް ބިނާކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ދަނީ ހިނގަމުންނެވެ.
މި ސެންޓަރުތަކުގެ ޢިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީ ފަދަ ކުންފުނިތަކުން ނިންމުމުން، އެތަންތަނަށް ބޭނުންވާ އެންމެ ޒަމާނީ ޖިމް އިކުއިޕްމަންޓާއި އެއިރޯބިކްސް އަދި ކަސްރަތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައި ހަރުކުރުމުގެ އިންތިޒާމުތައް ބޭރުގެ ހިލޭ އެހީގެ ދަށުން ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.