ޚަބަރު
އެމްއެސްއެމްއީތަކަށް ބާޒާރު ހޯދައިދޭން ޕޯސްޓް އޮފީހުން ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ދިރާސާއެއް ފަށައިފި
އެމްއެސްއެމްއީތަކަށް ބާޒާރު ހޯދައިދޭން ޕޯސްޓް އޮފީހުން ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ދިރާސާފެށުމަށް ބޭއްވި ރަސްމިއްޔާތު. ފޮޓޯ: ޕޯސްޓް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ޕޯސްޓަލް ވިއުގައިގެ ތެރެއިން ބާޒާރު ހޯދައިދިނުމަށާއި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަގުވާމީ ޕޯސްޓްގެ މައި އިދާރާ ކަމުގައިވާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް (އައިއެސްޑީބީއައި) އާ ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހާއްސަ ދިރާސީ މަސައްކަތްތަކެއް ފަށައިފިއެވެ.
މިކަމަށްޓަކައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މިއަދު ބޭއްވި އިފްތިތާހީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޑރ. އަބްދުﷲ ނަޒީރުއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ޤާނޫނީ އަދި ރެގިއުލޭޓަރީ މާހައުލެއް ޤާއިމުކޮށް، ގުޅުންހުރި މުއައްސަސާތައް ގުޅުވައިގެން، ދިރާސާއިން ފާހަގަވާ ކަންކަން އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަށް މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި ތާއީދު ލިބޭނެ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" އަދި "ޑިޖިޓަލް-ފަސްޓް ނޭޝަން" ސިޔާސަތާ އެއްގޮތަށް ކުރިއަށްގެންދެވޭ މަސައްކަތެއްކަން ފާހަގަކުރައްވައި ޑރ. ނަޒީރު ވިދާޅުވީ، ރަށެއްގައި ހުރެގެން ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރަކާ ހަމައަށް ވާސިލުވުމަކީ ހަމައެކަނި އޮންލައިން ފިހާރައެއް ހުޅުވުން ނޫން ކަމަށާއި، ފައިސާ ލިބުމާއި، ޓްރާންސްޕޯޓާއި، ލިޔެކިޔުންތަކާއި، ކަސްޓަމްސް މުއާމަލާތްތަކުގެ އިތުރުން އިތުބާރު ހުރި ޑެލިވަރީގެ ނިޒާމެއް ފަހިވެފައި އޮންނަންޖެހޭނެ ކަމަށެވެ. އަދި މި އިސްނެގުމުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތްކުރާ ކަނބަލުންނާއި، ޒުވާނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ޕޯސްޓުން މައުލޫމާތު ދިންގޮތުގައި 1 ނޮވެމްބަރުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ޔޫޕީޔޫގެ އެކްސްޕާޓް ޓީމަކުން ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ. މި ޒިޔާރަތުގައި ސަރުކާރުގެ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި، ކަމާގުޅޭ އެހެނިހެން ފަރާތްތަކާއެކު ބައްދަލުކޮށް، އެމްއެސްއެމްއީ ސެކްޓަރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށް ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތަކެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޕޯސްޓަލް ނެޓްވޯކާއި އީ-ކޮމާސް މެދުވެރިކޮށް، ކުދި ވިޔަފާރިތަކަށް ރާއްޖެއާއި ބައިނަލްއަގުވާމީ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުސަތު ފުޅާކުރުމެވެ.
އިފްތިތާހީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަފީގު ވިދާޅުވީ، ދުނިޔޭގެ މުވާސަލާތީ ނިޒާމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ޕޯސްޓުގެ އޮޕަރޭޝަންތައް ތަރައްގީކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް "އީޓުކުރި" އަދި "ކޮމިއުނިޓީ އޮންލައިން ޝޮޕް" ފަދަ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އުފެއްދުންތެރިންގެ މުދާ ވިއްކޭނެ އިންތިޒާމު ހަމަޖައްސައި، ބައިނަލްއަގުވާމީ މާކެޓަށް ދިވެހި އުފެއްދުންތައް ގެންދިއުމުގައި ލީޑިންގ ޓްރޭޑް ފެސިލިޓޭޓަރެއްގެ ދައުރު އަދާކުރުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޔޫޕީޔޫގެ އެކްސްޕާޓް ޓީމުގެ މެންބަރުންގެ އިތުރުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.