Ads by Stelco

ޚަބަރު

ބިދޭސީންގެ ނަމުގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް މެދުކަނޑާލައިފި

ބިދޭސީންގެ ނަމުގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް މެދުކަނޑާލައިފި

ވަޒީރު އަމީން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޑިސެމްބަރު 2025، 02:07

01 ޑިސެމްބަރު 2025، 02:07

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ބިދޭސީންގެ ނަމުގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ވަޤުތީގޮތުން މެދުކަނޑާލައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން މިގޮތަށް ނިންމަވާފައިވާއިރު ސަރުކާރުން ވަނީ، ރައްޔިތުންގެ މަޖިލީހަށް އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނެއް ހުށަހަޅާފައެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތަށް އައި ބަދަލާއި ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް މިވަގުތައް ހުއްޓާލެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ޤާނޫނާއި ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ހިމަނާފައިވެއެވެ. އަދި ޤާނޫނުގައި ބިދޭސީންނަށް ލައިސެންސް ދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ހިމަނާފައިވާއިރު، މަގުމަތީ ޓްރެފިކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ސައްޙަ ލައިސަންސަކާއެކު ރާއްޖޭގައި އުޅަނދު ދުއްވޭނެ ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައެވެ. މީގެ އިތުރުން ލައިސަންސް ހިފެހެއްޓޭނެ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ދަތުރުފަތުރާއި ބެހޭ ޤަވާއިދުތައް އިސްލާޙު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޤާނޫނު ތަސްދީޤުކޮށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން