ޚަބަރު
ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރުގެ މަޤާމުން އަސްމާ ވަކިކޮށްފި
ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު.
ފަރުދުން
01 ޑިސެމްބަރު 2025، 03:14
01 ޑިސެމްބަރު 2025، 03:14
ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، އެ ކޮމިޓީން އަދު ވަކިކޮށްފިއެވެ.
އިޖުތިމާޢީ ކޮމިޓީއަށް ގެނެވިފައިވާ މި ބަދަލު ރިއާސަތުން އިޢުލާނުކޮށްފައިވާއިރު، އަސްމާގެ ބަދަލުގައި ކޮމިޓީއަށް ޢައްޔަންކޮށްފައިވަނީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ. ނަމަވެސް ކޮމިޓީގެ މުޤައްރިރުކަމުގެ މަސްއޫލިއްޔަތު، އަދި އެއްވެސް މެންބަރަކާ ޙަވާލުކޮށްފައެއް ނުވެއެވެ.
އަސްމާ މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީން ވަކިކޮށްފައިވަނީ، ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ސުވާލެއް ކުރަން ނުވަތަ އެ މަނިކުފާނަށް މެސެޖެއް ދޭން ބޭނުންވާ ނަމަ، އެ ކަން އެންގުމަށް އެދިވަޑައިގެން، އަސްމާ އެ ކަމަނާގެ ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އަސްމާ، އެ މެސެޖާ ގުޅިގެން މަޢާފަށް ވެސް އެދިވަޑައިގެންފައިވެއެވެ. މި ކަމާ ގުޅިގެން އެ ކަމަނާ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، އެ ކަމަނާ ފޮނުއްވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސާ ސީދާ ސުވާލުކުރަން ފުރުޞަތު ނުލިބޭ ފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ފޮނުއްވި މެެސެޖެއް ކަމަށެވެ.
އަސްމާގެ މެސެޖާ ގުޅިގެން ރައީސް، މަޖިލިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ ގޮތެއްގައި އެ މަނިކުފާނާ ސުވާލުކޮށް، ދޭން ބޭނުންވާ މެސެޖެއް އޮތް ނަމަ ދިނުމަށާއި ސިޓީއެެއް ޙަވާލުކުރަން އޮތް ނަމަ ޙަވާލުކުރަން ފުރުސަތު ދެއްވުމުގެ ގޮތުން ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ.
މި ނޫން ގޮތަކަށް ރައްޔިތުން ގާތު ބައެއް އެމްޕީސް (ރައްޔިތުންގެ މަޖިލީހުގެ މެންބަރުން) މެސެޖްކޮށް ދަންނަވަމުން ދާތީ އެ ކަން އެ ގޮތަށް ނުކުރެއްވުމަށް ދަންނަވަން.
މެންބަރުން ތިއްބަވާ ގްރޫޕަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ޚިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ފަދަ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން ދައްކަން ބޭނުންވާ ވާހަކައެއް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުޞަތު މިހާތަނަށް ވެސް ދީފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.