Ads by Farudhun

ޚަބަރު

މަކުނުދޫ އެއާޕޯޓުގެ އުމްރާނީ މަސައްކަތް ބާރަށް ކުރިއަށް

މަކުނުދޫ އެއާޕޯޓުގެ އުމްރާނީ މަސައްކަތް ބާރަށް ކުރިއަށް

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޮކްޓޯބަރު 2026، 11:24

06 އޮކްޓޯބަރު 2026، 11:24

ހދ. މަކުނުދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ޕެސެންޖަރ ޓާމިނަލް ހިމެނޭހެން މައިގަނޑު އިމާރާތްތަކުގެ އުމްރާނީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ ބިންގަލުގެ ލީން ކޮންކްރީޓް އަޅައި އެއްކޮށް ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތަކަށް ބޭނުންވާ ދަގަނޑު ބެންޑުކުރުމާއި، ކޮލަމް ކޮންކްރީޓް ކުރުމުގެ މައިގަނޑު މަސައްކަތްތަކެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 85.44 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



ޖޯގްރަފީ ގޮތުން އެކަހެރިކޮށް އޮންނަ މަކުނުދޫ ދަތުރުފަތުރުގެ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެ ރަށާއި ހުރާއާ ދެމެދު އޮތް ފަޅުން 43.12 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އޭގެ ތެރޭގައި އެއާޕޯޓުގެ އިތުރުން އިޖުތިމާޢީ އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޚާއްޞަކޮށްގެން ހިއްކި 22 ހެކްޓަރުގެ ބިން ވެސް ހިމެނެއެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 258.21 މިލިއަން ރުފިޔާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، މަކުނުދޫ އެއާޕޯޓުގައި އަޅަނީ ސަރަޙައްދީ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރުގެ 1,800 މީޓަރުގެ ދިގު ރަންވޭއެކެވެ. މީގެއިތުރުން، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމަށް 3,493 މީޓަރުގެ ބޮޑުހިލައާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ރަންވޭ ލައިޓިންގ ސިސްޓަމް އަދި އިދާރީ އިމާރާތްތައް އެޅުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އެއާޕޯޓުގެ މަސައްކަތް ނިމުމުން އެތަން ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން ވައިބްރޭޝަންގެ ސަބަބުން ކައިރި ގެތަކަށް އަސަރުކުރާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ރައްކާތެރިކަމުގެ ޚާއްޞަ އެސެސްމެންޓަކަށް އެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް، އެއާޕޯޓުގެ މައިގަނޑު އުމްރާނީ މަސައްކަތްތައް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. މީގެ އިތުރުން، އެއާޕޯޓު ހުޅުވުމާއެކު ޓްރެފިކަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން، މަކުނުދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ވަނީ ހަވާލުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450