Ads by Stelco

ޚަބަރު

އެކުގައި މަސައްކަތްކޮށްގެން، 2030 ވަނަ އަހަރާ ހަމައަށް އެއިޑްސް ނައްތާލެވިދާނެ: މެެޑަމް ސާޖިދާ

އެކުގައި މަސައްކަތްކޮށްގެން، 2030 ވަނަ އަހަރާ ހަމައަށް އެއިޑްސް ނައްތާލެވިދާނެ: މެެޑަމް ސާޖިދާ

ފަސްޓް ލޭޑީ މެޑަމް ސާޖިދާ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޑިސެމްބަރު 2025، 03:15

01 ޑިސެމްބަރު 2025، 03:15

އެކުވެރިކަމާއި، ކެތްތެރިކަމާއި، އީޖާދީ ގޮތްތަކާއި، އުންމީދާއެކު މަސައްކަތްކޮށްފިނަމަ 2030 ވަނަ އަހަރާ ހަމައަށް އެއިޑްސް ނައްތާލެވޭނެކަމުގެ ޔަޤީންކަން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

  އެކަމަނާ މިހެން ވިދާޅުވީ  އެއިޑްސް ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، އެކުވެރިކަމާއި ކެތްތެރިކަމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އެކަމަނާގެ މެސެޖުގައި ވަނީ އީޖާދީ ގޮތްތަކާއި އުންމީދުގެ އަލިކަން ދެމެހެއްޓުމަށްވެސް ގޮވާލައްވާފައެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވާ މުޖުތަމަޢުތަކަށް އެއިޑްސްއާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެހީތެރިކަން ދީ، ބާރުވެރިކުރުމަށް ރާއްޖެއިން ވެފައިވާ ވަޢުދު އެކަމަނާ ފާހަގަކުރެއްވިއެވެ. މިއީ އެއިޑްސް ނައްތާލުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެޑަމް ސާޖިދާ ވަނީ އެއިޑްސް ބަލިޖެހިފައިވާ މީހުންނަށް ކުރާ ނަފުރަތު ނައްތާލުމަށާއި، އެކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގޮވާލައްވާފައެވެ. "އަދި ހުރިހާ އެންމެނަށް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި އެކުގައި މަސައްކަތްކުރަމާ ހިނގާށެވެ،" އެކަމަނާ ވިދާޅުވިއެވެ.


އެކަމަނާ ވިދާޅުވީ މި ދަތުރު ފެށެނީ އަޅުގަނޑުމެންގެ އަތުން ކަމަށާއި، އެކުގައި މަސައްކަތްކޮށްގެން 2030 ވަނަ އަހަރާ ހަމައަށް އެއިޑްސް ނައްތާލުމުގެ ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމަށެވެ. އެއިޑްސް ނައްތާލުމަށް ކުރާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން