Ads by Stelco

ޚަބަރު

އޮންލައިންކޮށް ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފި

އޮންލައިންކޮށް ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ އެތެރެ. ފޮޓޯ: މަޖިލިސް.

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 04:37

01 ޑިސެމްބަރު 2025، 04:37

އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ ގޮތަށް 20ވަނަ ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދަށް ހުށަހެޅި އިޞްލާޙު ފާސްކޮށްފިއެވެ.

ޢާންމު ކޮމިޓީން ދިރާސާކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 272ވަނަ މާއްދާގެ "ނ"ގައިވާ ގޮތުގެ މަތީން، މަޖިލިހުގެ ޤަވާޢިދުގެ 51ވަނަ ބާބަށް ގެނައި އިޞްލާޙު ފާސްކޮށްފައިވަނީ، 57 މެންބަރުންގެ ތާއީދާ އެކުގައެވެ. މި އިޞްލާޙާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 9 މެންބަރުންނެވެ.

މަޖިލިހުގެ ޤަވާޢިދުގެ 51ވަނަ ބާބަށް ގެނައި އިޞްލާޙާ އެކު، 2 ބާވަތެއްގެ ޕެޓިޝަން މަޖިލިހަށް ހުށަހެޅޭނެއެވެ. އެއީ ކަރުދާސް ޕެޓިޝަނާއި އިލެކްޓްރޯނިކް ޕެޓިޝަން ނުވަތަ އީ-ޕެޓިޝަނެވެ. އަދި ކަރުދާސް ޕެޓިޝަން ހުށަހަޅާނީ މަޖިލިހުގެ އިދާރާއަށް ކަމަށާއި، އީ-ޕެޓިޝަން ހުށަހަޅާނީ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށް ކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙުގައި، މަޖިލިހަށް ހުށަހަޅާ ޕެޓިޝަނެއްގައި ހުންނަން ޖެހޭ ޝަރުޠުތައް ވެސް ވަނީ ކަނޑައަޅާފައެވެ. މި ގޮތުން، އެކަށީގެންވާ ރިވެތި ޢިބާރާތުން ދިވެހިބަހުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން މަޖިލިހަށް މުޚާޠަބުކޮށް ޢިބާރާތްކޮށްފައިވުމާއި، ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަކަށްވުރެ ގިނަ ގަނޑު ހިމެނޭ ނަމަ ޕެޓިޝަން ހުށަހަޅާ ފަރާތުން އެއިން ކޮންމެ ގަނޑެއްގައި ވެސް ސޮއިކޮށްފައިވުން މި ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޕެޓިޝަންގައި ޕެޓިޝަން ހުށަހަޅާ ފަރާތާ އެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމަކީ ވެސް އިޞްލާޙުގައި ޝަރުޠުކޮށްފައިވާ ކަމެކެވެ. ވީމާ، އިސްވެ ދެންނެވުނު ޕެޓިޝަން ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުޠެއް އުނިވާ ނަމަ، މަޖިލިހުން ޕެޓިޝަން ބަލައެއް ނުގަންނާނެއެވެ.

މި އިޞްލާޙު ފާސްކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުން ނެރުނު ބަޔާނެއްގައި ބުނީ، އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން، މި އިޞްލާހަށް ޢަމަލުކުރަން ފަށާނީ އެ ދުވަހުން ފެށިގެން ކަމަށް ބަޔާނުގައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން