ޚަބަރު
އިސް ދަނޑުވެރިންގެ ތަމްރީނުގެ ދެވަނަ ބުރު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފަށައިފި
ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި ލީޑް ފާމަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަށް ކުރިޔަށްގެންދެވޭ 'އިސް ދަނޑުވެރިންގެ ތަމްރީން' ގެ ދެވަނަ ބުރު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފަށައިފިއެވެ.
މިފަހަރުގެ ލީޑް ފާމަރ ތަމްރީން ކުރިއަށް ގެންދަނީ އަންހެން ދަނޑުވެރިންނަށް ބައިވެރިވެވޭނޭ ގޮތަށް ފަރުމާކުރެވިގެންނެވެ. އެގޮތުން، މިފަހަރުގެ 20 ބައިވެރިންގެ ތެރެއިން 10 ބައިވެރިންނަކީ އަންހެނުންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލީޑް ފާމަރުންގެ ބޭނުމަކީ އެރަށެއްގައި މެޕް ޕްރޮޖެކްޓުން އަޅާފައިވާ ގްރީންހައުސްގައި އަދި މި ޕްރޮޖެކްޓާއެކު މަސައްކަތްކުރާ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްގައި ގަސް ހައްދާއިރުގައި، އަދި ބިމުގައި ގަސް ހައްދާއިރުގައި އެ ދަނޑުވެރިން ކަންކަންކުރަނީ ޕްރޮޖެކްޓުން ދަސްކޮށްދޭ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުން ކަމަށެވެ.
އެގޮތުން، ޕްރޮޖެކްޓުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރުގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަޤީންކުރުމާއި، ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ޤަވާއިދުން ބަލަހައްޓަމުން ގެންދާކަން ޔަޤީންކުރެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، ޕްރޮޖެކްޓް އަދި ވުޒާރާގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއިއެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައި އެފް އެފް މެމްބަރުންނާއި އެކު ދަނޑުވެރިންގެ މަސައްކަތްތަކުގައި އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ.
މެޕުން އަންނަނީ ރާއްޖޭގައި ޒަމާނީ ދަނދުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީންތަކާއި، މަޝްރޫޢުތައް ހިންގަމުންނެވެ. މިގޮތުން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގައި ގްރީން ހައުސްތައް ޤާއިމުކޮށް، 12 ރަށެއްގައި GALS ޕްރޮގްރާމް ހިންގާފައިވާއިރު 6 ރަށެއްގައި ހޯމްގާޑިނިންގ ޕްރޮގްރާމް ވަނީ ހިންގާފައެވެ. މީގެ ތެރެއިން 320 ދަނޑުވެރިންނަށް ބިޒްނަސް ސްކިލްސް ތަމްރީން ދީފައިވާއިރު، މިހާތަނަށް 24 އިސް ދަނޑުވެރިން ތަމްރީނުކޮށްފައި ވެއެވެ.