ދުނިޔެ
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުން އަލުން ކިޔަވަން ފަށައިފި
ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީއަށް ދަރިވަރުން ކިޔަވަން ދަނީ
ހަލާކުވެފައިވާ ކްލާސްރޫމްތަކުގެ ބިއްލޫރިތަކާއި ފަޅައިގެން ގޮސްފައިވާ ފާރުތަކުގެ މަތީގައި، އަދި ހަނގުރާމައިގެ ހިތިކަން ހަނދާންކޮށްދޭ ދުމުގެ ވަހާއި އަސަރުގެ ތެރޭގައި ޣައްޒާ ސިޓީގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ކިޔެވުން އަލުން ފަށައިފިއެވެ.
ހަނގުރާމައިގެ ސަބަބުން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ ޔުނިވަރސިޓީގެ ދޮރުތައް ވަނީ ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުންނަށް ހުޅުވާލާފަ އެވެ. މި ދަރިވަރުން ވަނީ އަލުން މަރާމާތުކޮށްފައިވާ އިމާރާތްތަކުގެ ތެރެއިން، ހަނގުރާމައިގެ ހިތިކަން ހަނދާންކޮށްދޭ ތަންތަނުގައި، އެމީހުންގެ ފޮތްތަކާއި އުއްމީދުތަކާ އަލުން ގުޅުވާލައިފައެވެ.
އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އިސްލާމިކް ޔުނިވަރސިޓީގެ މައި މަރުކަޒަށް ވަނީ ބޮޑެތި ވައިގެ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އެތަން ވަނީ މުޅިން ހަލާކުވެފަ އެވެ. މިއީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން 'ޠޫފާނުލް އަޤްޞާ' އޮޕަރޭޝަން ފެށުމަށް ފަހު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.
ދަރިވަރުން އަލުން ކިޔެވުމަށް އެނބުރި އައި މަންޒަރުތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔަ އެވެ. އެކްޓިވިސްޓުން ދެކޭ ގޮތުގައި މި މަންޒަރުތަކުން ދައްކުވައިދެނީ ފަލަސްޠީނުގެ ރައްޔިތުންގެ ޢަޒުމާއި، ހަލާކުތަކާ އެކު ވެސް ކިޔެވުން ކުރިއަށް ގެންދިއުމަށް އެމީހުން ދައްކާ ހިތްވަރެވެ. ބައެއް މީހުން މި ކަން ސިފަކުރީ ބޮޑު ނަސްލު ނައްތާލުމުގެ ހަނގުރާމައަކަށް ފަހު ހިތްތަކަށް އުއްމީދު ގެނެސްދޭ ޚަބަރެއްގެ ގޮތުގަ އެވެ. އެމީހުން ވަނީ ޔުނިވަރސިޓީގެ އިމާރާތްތައް ހަލާކުވެ، ގިނަ އަދަދެއްގެ ޓީޗަރުން ގެއްލިފައި ވިޔަސް، ކިޔެވުމަށް އެނބުރި އައި ދަރިވަރުންގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ.
ބައެއް ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ވެއްޓިފައިވާ ތަންތަނުގެ ދަށުން އަލުން ތެދުވުމުގެ ވާހަކަ ކުރިން ބޭނުންކުރީ ހަމައެކަނި މިސާލެއްގެ ގޮތުގައި ނަމަވެސް، ޣައްޒާގައި އެކަން ޙަޤީޤަތަކަށް ވެއްޖެ އެވެ.
އެތަނުގެ ރައްޔިތުން ވަނީ ދިރިއުޅުމުގެ ވަސީލަތެއް ހޯދުމަށް، ނުވަތަ ގެއެއް މަރާމާތުކުރުމަށް، ނުވަތަ ހޮސްޕިޓަލެއްގެ ބައެއް އަލުން ބިނާކުރުމަށް، ނުވަތަ ހަލާކުވެފައިވާ ޔުނިވަރސިޓީއެއް އަލުން ހުޅުވުމަށް ވެސް، ޙަޤީޤީ މާނައިގައި ވެއްޓިފައިވާ ތަންތަނުގެ ދަށުން ތެދުވެފަ އެވެ.
އެކްޓިވިސްޓުން ބުނި ގޮތުގައި، ހަލާކުވެފައިވާ ޔުނިވަރސިޓީއަށް ދަރިވަރުން ދިޔަ މަންޒަރުގައި ވަރަށް ބޮޑު މާނައެއް އެކުލެވިގެންވެ އެވެ. ޚާއްޞަކޮށް، މި ހަނގުރާމައިގައި ޔުނިވަރސިޓީގެ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި އެކަޑަމީޝަނުން ގެއްލިފައި ވާތީއެވެ.
އޭގެ ތެރޭގައި ފިޒިކްސްގެ ޕްރޮފެސަރު ސުފްޔާން ތާޔިހް، އަދި ބަހަވީ ޢިލްމުވެރިޔާ ރިފްޢަތުލް ޢަރޢީރު، އަދި މެޑިސިންގެ ޕްރޮފެސަރު ޢުމަރު ފަރުވާނާ ހިމެނެ އެވެ. އެހެން މީހުން ބުނި ގޮތުގައި މި އެނބުރި އައުމަކީ އިޒްރޭލަށް ހިތްދަތިކަން ގެނެސްދޭ މަންޒަރެކެވެ. އަދި ޣައްޒާގެ ޔުނިވަރސިޓީތަކަށް އެހީތެރިވުމަށް ދަރިވަރުންނަށް އެހީތެރިވުމާއި ތަޢުލީމީ ވަޤުފުތައް ޤާއިމުކުރުމަކީ އެންމެ އިސްކަންދޭން ޖެހޭ ކަމެއްކަން މިކަމުން ހާމަވެ އެވެ.
އެކަކު ލިޔުނު ގޮތުގައި: "މިއީ ހަމައެކަނި އެކަޑަމިކް އެނބުރި އައުމެއް ނޫނެވެ. މިއީ އުއްމީދާއި، އަމިއްލަވަންތަކަމާއި، ގެއްލުމާއި ހަލާކާ ދެކޮޅަށް ތަޢުލީމު ހޯދުމުގެ ޙައްޤު އަލުން ލިބުންް" ކަމަށެވެ. އަނެކަކު އިތުރުކުރި ގޮތުގައި: "ޔުނިވަރސިޓީގެ ދޮރުތައް އަލުން ހުޅުވުމަކީ، ކިތަންމެ ބޮޑު ދަތިކަމެއް ކުރިމަތިވިޔަސް، ޣައްޒާގައި ޢިލްމު ހުއްޓުމެއް ނާންނާނެ ކަމުގެ ވަރުގަދަ މެސެޖެއް" ކަމަށެވެ.
މިކަމާ ގުޅިގެން ވާހަކަ ދެއްކި ބްލޮގަރުން ދެކޭ ގޮތުގައި، އިސްލާމިކް ޔުނިވަރސިޓީގެ އިމާރާތްތަކާއި ޢިލްމީ މަރުކަޒުތަކަށް ލިބުނު ބޮޑެތި ގެއްލުންތަކާ އެކު ވެސް، އެތަނަށް ވަނީ އަލުން ތެދުވެ، ކިޔެވުން އަލުން ފެށުމުގެ ޚާއްޞަ ޤާބިލުކަމެއް ދައްކާފަ އެވެ. މިއީ ހަނގުރާމައާ ދެކޮޅަށް ދިރިއުޅުމުގެ ޢަޒުމާއި އެކަޑަމިކް ކެތްތެރިކަން ދައްކުވައިދޭ ކަމެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި 13،500 އަށް ވުރެ ގިނަ ޔުނިވަރސިޓީ ދަރިވަރުންނާއި ސްކޫލް ދަރިވަރުން ޝަހީދުކޮށްލައިފައިވާކަމެވެ. އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު 193 ޢިލްމުވެރިންނާއި އެކަޑަމީޝަނުން ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.